14 Jun 2024, 15:16
ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ރޭގެ ވަގުތެއްގައި އެ ތަނުން ވައްކަންކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަންކޮށްފައިވާ ކަމަށެވެ.
އެކަމަކު، މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
ހާދިސާއާ ގުޅޭ އިތުރު ތަފުސީލު 'ސަން'އާ ހިއްސާކުރަމުން އެ ކްލިނިކްގެ އޮފިޝަލަކު ވިދާޅުވީ، އެ ތަން ފަޅާލައި ވައްކަން ކޮށްފައިވަނީ ރޭގެ 12:00 އާއި ހެނދުނު 6:00 ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ކްލިނިކުން ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، މެޝިނަށް ލައްވާ ބެޓެރީއާއި ކްލިނިކްގައި ބޭނުންކުރާ ދެ ފޯނު ވެސް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖައްސަން އެ ތަނުގައި ބޭނުންކުރި އަންއިންޓްރަޕްޓެޑް ޕަވާ ސަޕްލައި (ޔޫޕީއެސް) ވެސް ވަނީ ވަގަށް ނަގައިފައެވެ.
އެ ކްލިނިކުން ބުނީ، އެއީ ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުން ވެސް ލިބެން ނެތް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކްލިނިކެއް ކަމަށެވެ.