14 Jun 2024, 14:46
މިނާ (14 ޖޫން 2024): މިއަދަކީ ޙައްޖުވެރިންގެ ތަރްވިޔާގެ ދުވަހެވެ. އެއީ، ޙައްޖުވެރިން އަރަފާތުގެ ބިމަށް ދިޔުމަށްޓަކައި މިނާއަށްދާ ދުވަހެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ޙައްޖުވެރިން މިއަދުވަނީ މައްކާއިން މިނާއަށް ޖަމާވާން ފަށާފައެވެ. މިނާގައި ޙައްޖުވެރިން ތިބޭނީ އެކަމަށްޓަކައި ޖަހާފައިވާ ވަގުތީ ފޭލިގެތަކެއްގައެވެ. ޙައްޖުވެރިން މިނާއަށް ޖަމާވަނީ އަރަފާތުގެ ބިމަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ޙައްޖުވެރިންގެ އެއްބަޔަކު މިއަދު ހެނދުނު މިނާއަށް ގޮސްފައިވާއިރު ދެންތިބި ޙައްޖުވެރިން ލަސްވެގެން މިއަދު ހަވީރާއި މިރޭ އިރާކޮޅު މިނާއަށް ދާނެއެވެ.
ތަރްވިޔާގެ ދުވަހުގައި ޙައްޖުވެރިން މިނާގައި ތިބެނީ ކީރިތި ރަސޫލާ (ސޢވ)ގެ ސުންނަތަށް އިގްތިދާވުމުގެ ގޮތުންނެވެ. މިނާއަކީ މައްކާއާ ހަތް ކިލޯ މީޓަރުގެ ދުރުގައިވާ ބިމެކެވެ. ޙައްޖު މަހުގެ އަށްވަނަ ދުވަހަށް ތަރްވިޔާގެ ދުވަހުގެ ނަމުން ނަންދެވިފައިވަނީ ޙައްޖުމަހުގެ ނުވަވަނަ ދުވަހު ޙައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަށްޓަކައި އެ ދުވަހަށް ބޭނުންވާ ބޯފެން ހޯދައި ރައްކާކުރުމަށް ރަސޫލު ޒަމާނުގައި ކުރަމުން ގެންދިޔަ މަސައްކަތްތަކަށް ރިޢާޔަތް ކޮށްގެންނެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށްޓަކައި މާތްވެގެންވާ މައްކާއާއި މައްކާގެ ކައިރީގައިވާ ޙައްޖުގެ ހުރިހާ މަޝާއިރުތަކެއް ޙައްޖުވެރިންނަށްޓަކައި މުޅިން ތައްޔާރުވެފައިވާކަން ސައޫދީ މަސްއޫލުވެރިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޙައްޖުގެ މަޝާއިރުތައް ކުރިއަށްދާނީ މިނާއާއި އަރަފާތާއި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ.
ޙައްޖު ދުވަސް ނުވަތަ އަރަފާތުގެ ދުވަހަކީ މާދަމާ ކަމަށްވާއިރު ގާތްގަނޑަކަށް 2.1 މިލިޔަން ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގެ މުގައްދަސް ބިންތަކަށް ޖަމާވެފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.
މިނާއިން ޢަރަފާތުގެ ބިމަށް ދިޔުމަށް ޙައްޖުވެރިން ދަތުރު ފަށާނީ މިރޭ ފަތިސްނަމާދަށް ފަހުގައެވެ. ނަމަވެސް، މަގުތައް ތާށި ވާދާނެތީ މިރޭ ދަންވަރުން ފެށިގެން ޙައްޖުވެރިން އަރަފާތަށްދާން ފަށާނެއެވެ.

މިނާގައި ޙައްޖުވެރިން ތިބޭ ފޭލިގެތައް
އަރަފާތުގެ ބިމުގައިވާ ނަމިރާ މިސްކިތުގައި މާދަމާ މެންދުރު ނަމާދަށް ފަހު ޙައްޖު ޚުތުބާ ދިނުން އޮންނާނެއެވެ. މާދަމާގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ގުރުއާން ކިޔެވުމާއި ހެޔޮ ދުއާކުރުމާއި ތަކްބީރު ތަހްލީލުކުރުމާއި ހޭދަކުރުމަށް ފަހު އިރުއޮއްސޭން ފެށުމާ އެކު ޙައްޖުވެރިން މުޒްދަލިފާއަށް ނަފްރާ ކުރާނެއެވެ.
މާދަމާ ރެއަކީ އަޟްހާ އީދު ވިލޭރެއެވެ. އެ ރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ރޭކުރުމަށް ފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން އާދީއްތަ ދުވަހުގެ (ޢީދު ދުވަހުގެ) ފަތިހުގެ ވަގުތުގައި އަނެއްކާ ވެސް މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ.
މިނާއަށް ގޮސް ޙައްޖުވެރިން ހަދްޔު ކަތިލާނެއެވެ. މިކަން ކުރިއަށްގެންދާނީ ޙައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ. ޙައްޖުވެރިން ޙައްޖުގެ މަޝާއިރުތަކަށް ދިއުމުގެ ދަތުރުފަތުރު ހަމަޖެއްސުމުގައި ބަހުގެ އިތުރުން އިލެކްޓްރިކް ރޭލް ފަދަ ޒާމާނީ ވަސީލަތްތަކުގެ ބޭނުން ވެސް މިހާރުދަނީ ހިފަމުންނެވެ. އެހެންކަމުން މައްކާގެ ހަރަމްފުޅުގެ ސަރަހައްދުން މިނާއަށް ދިޔުމުގައި މަގުތައް ތާށިވުމުގެ މައްސަލަ މިހާރު ވަރަށް ކުޑައެވެ.
ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ޙައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންވާ ޙައްޖުވެރިން ތިބޭނީ އެއް ދުވަހު ނުވަތަ ދެ ދުވަހުއެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.