14 Jun 2024, 23:18
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ސަރުކާރުގެ ވަފުދު ބައިވެރިވާން 3.8 މިލިއަން ޚަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ސިޑްސްގެ ކޮންފަރެންސްގައި ބައިވެރިވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި 16 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެ ބޭފުޅުންގެ ޓިކެޓަށް ޖުމްލަ 2،644،485.88 ރުފިޔާ ހޭދަވިއެވެ.
މީގެ އިތުރުން، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަން 16 ބޭފުޅުންނަށް ޕޮކެޓު މަނީގެ ގޮތުގައި 141،312 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ބޮލަކަށް ޕޮކެޓު މަނީގެ ގޮތުގައި 9،000 އަށްވުރެ ގިނަ ރުފިޔާއެވެ.

އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ވަޑައިގަތުން: ސަރުކާރުގެ ވަފުދު ސިޑްސް ކޮންފަރެންސްގައި ބައިވެރިވާން 3.8 މިލިއަން ޚަރަދުކުރި -- ފޮޓޯ/ ރައީސް އޮފީސް
ދަތުރުފުޅުގެ އިތުރު ބައެއް ޚަރަދުތައް:
ފަރިއްކޮޅު - 164،014.17 ރުފިޔާ
- ސްޓޮޕްއޯވާ - 18،468 ރުފިޔާ
- އިންސިޑެންޓަލް - 6134.70 ރުފިޔާ
- އެކޮމަޑޭޝަން - 618،048.67 ރުފިޔާ
- ޓްރާންސްޕޯޓު - 271،956.52 ރުފިޔާ
މި ދަތުރުފުޅުގެ ޚަރަދުތައް ހާމަކޮށްފައިވަނީ ރައީސްގެ ސިޔާސަތުތަކުގެ ތެރެއިންނެވެ. މި ދޭތެރެއިން ރައީސް ވަނީ އިންޑިއާއަށް ވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ހަފްލާއަށް ސަރުކާރު ވަފުދަކާއެކު ވަޑައިގެންފައެވެ.
ދަތުރު ޚަރަދުތައް ވީހާ ވެސް ކުޑަކުރުމަކީ ރައީސްގެ ސިޔާސަތެއްކަމަށް މީގެކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.