15 Jun 2024, 15:13
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ އެހީގެ ސާމާނު އެ ސަރަހައްދަށް ވެއްދުމަށް ހުރަސްއެޅި އިސްރާއީލުގެ ގްރޫޕަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންގެ ރިޒާވިސްޓުންނާއި ޔަހޫދީ ވަޒަންވެރިންނާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށްވާ 'ޓަޒާވް9' އަށެވެ.
އެގޮތުން، އެ ގްރޫޕަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ހުޅަނގު އައްސޭރީގައި ހިނގާ އަނިޔާވެރިކަމާ ގުޅޭ ގޮތުން ފެބްރުއަރީ މަހު ބައިޑަން ސޮއިކުރި އެގްޒެކެޓިވް އަމުރެއްގެ ދަށުންނެވެ.
އެ ފިޔަވަޅާ އެކު އެމެރިކާގެ އިހުތިސާސްގެ ދަށުން އެ ގްރޫޕްގެ ހުރިހާ އެސެޓެއް ފްރީޒްކޮށް، އެމެރިކާ މީހުންނަށް އެކަމާ މުއާމަލާތްކުރުން މަނާކޮށްފައިވެއެވެ.
ޓްރެޜަރީ ޑިޕާޓްމަންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްގެ ވެބްސައިޓުގައި 'ޓަޒާވް9' އަކީ ފިޔަވަޅު އަޅާފައިވާ ގްރޫޕެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ. މި ގުރޫޕަކީ އިސްރާއީލުންގެ ތެރޭގައި ވެސް އެ މީހުންގެ ހަރުކަށި ފިކުރުގެ ސަބަބުން މަޝްހޫރުވެފައިވާ ގުރޫޕެކެވެ.
މެއި މަހުގެ 13 ވަނަ ދުވަހު 'ޓަޒާވް9'ގެ މެންބަރުން ވަނީ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ހެބްރޯން ކައިރީގައި އެހީދޭ ދެ ޓްރަކެއް ލޫޓުވައި، ޓްރަކްތަކުގައި އަލިފާން ރޯކޮށްފައެވެ. އެ ކަމާ ގުޅިގެން އެ ގްރޫޕަށް އިސްރާއީލު ސަރުކާރުން ތައުރީފުކޮށް ހަދިޔާ ދިން ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް އަށް މަސް ދުވަސް ވެފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. އެހީ ވެއްދުމަށް އިސްރާއީލުން ވެސް ހުރަސްއަޅައި ކަމަށް ތުހުމަތުކޮށްފައިވާއިރު، އެ ގައުމުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.