15 Jun 2024, 10:21
މީގެ ފަސް މަސް ކުރިން ކުރި ސާޖަރީއަކުން ހަށިގަނޑުގައި ކެންސަރު ހުރިކަން އެނގުނު ފަހުން އިނގިރޭސިވިލާތުގެ ޕްރިންސެސް އޮފް ވޭލްސް، ކޭޓް މިޑްލްޓަން ފުރަތަމަ ފަހަރަށް އާންމުންނަށް ފެންނާނެ ކަމަށް އިއުލާނުކޮށްފިއެވެ.
ކެންސަރު ފަރުވާއިން ރަނގަޅު ކުރިއެރުމެއް ލިބުނު ނަމަވެސް އަދި މުޅިން ރަނގަޅުނުވާކަން ކޭޓް ވަނީ ހާމަކޮށްފައެވެ.
ކޭޓް އާންމުންނަށް ފެންނާނީ ޝާހީ ގަނޑުވަރުގެ ރަސްގެފާނު، ޗާލްސްގެ ރަސްމީ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ލަންޑަންގެ މެދުތެރޭގައި ކޮންމެ އަހަރަކު ބާއްވާ އަސްކަރީ ޕެރޭޑެއް ކަމަށްވާ "ޓްރޫޕިން ދަ ކަލާ" ހަފުލާގައެވެ. އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދެވެ.
ރަސްގެފާނު ޗާލްސް، ރާނީ ކެމިލާ އަދި އާއިލާގެ އެހެން އިސް މެންބަރުންނާ ގުޅިގެން މި އިވެންޓުގެ ހައި ޕްރޮފައިލް ޕިނަކަލް ކަމަށްވާ ބަކިންހަމް ޕެލަސްގެ ބެލްކަނީގައި ވެސް އޭނާ ބައިވެރިވާނެއެވެ.
ކޭޓު ބުނީ، އޭނާއަށް ކެންސަރު ޖެހިފައިވާކަން އިއުލާނުކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އެތައް ހާސް މެސެޖުތަކުން އޭނާއާއި އޭނާގެ ފިރިމީހާ ޕްރިންސް ވިލިއަމަށް ވަރަށް ތަފާތު އުފާވެރި އިހްސާސްތަކެއް ކޮށްފައިވާ ކަމަށެވެ.
ބަނޑުގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު ޖެނުއަރީ މަހު ކޭޓް ހޮސްޕިޓަލުގައި ދެ ހަފުތާ ހޭދަކުރިއިރު، އޭގެ ދެ މަސް ފަހުން ވީޑިއޯ މެސެޖެއްގައި އޭނާ ވަނީ ޓެސްޓްތަކުން ކެންސަރު ހުރިކަން ހާމަވެ، ޕްރިވެންޓޭޓިވް ކީމޯތެރަޕީ ފަށާނެ ކަމަށް އިއުލާންކޮށްފައެވެ.
ނަމަވެސް، ކެންސަރުގެ ބާވަތާއި ފަރުވާއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ވެސް ހާމަކޮށްފައެއްނުވެއެވެ.
ކޭޓަށް ކެންސަރު ޖެހިފައިވާކަން އިއުލާނުކޮށްފައިވަނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 75 އަހަރުގެ ޗާލްސްއަށް ވެސް ކެންސަރުޖެހިފައިވާކަން އިއުލާނުކޮށްފައިވަނިކޮށެވެ. ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގުނީ މިދިޔަ މަހު ޕްރޮސްޓޭޓް ދުޅަވެގެން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެއާއެކު، ޗާލްސް ވަނީ ޝާހީ ގަނޑުވަރުގެ ބައެއް މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުވެވަޑައިގެންފައެވެ. ނަމަވެސް، އޭޕްރީލް މަހުން ފެށިގެން ޗާލްސް އަންނަނީ މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.