15 Jun 2024, 14:59
މަސްޖިދުލް ނަބަވީއަށް ޒިޔާރަތްކުރާ ޙައްޖުވެރިންނަށް އެހީވާން މަދީނާގައި ސްމާޓް ރޮބޮޓްގެ ޚިދުމަތް ފަށައިފިއެވެ.
މަދީނާ ޕްރޮވިންސްގެ ހެލްތު މިނިސްޓްރީގެ ބްރާންޗުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށްވާ މި ރޮބޮޓް ބަހައްޓާފައިވަނީ މަސްޖިދުލް ނަބަވީގެ ގޯތިތެރޭގައެވެ.
ސައުދީ ޕްރެސް އެޖެންސީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މި ޚިދުމަތުގެ އަމާޒަކީ "ދުނިޔޭގެ 96 އަށް ވުރެ ގިނަ ބަހުން ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ތައުލީމީ މެސެޖުތަކާއި ސިއްހީ އިރުޝާދުތައް ދައްކާލައި ބްރޯޑްކާސްޓްކުރުން،" ކަމަށެވެ.
ރޮބޮޓްގެ ޚިދުމަތުގެ އިތުރުން، ސިޓީގެ ސިއްހަތާ ބެހޭ އިދާރާތަކުގެ ވޮލެންޓިއަރުންނާއި ހޭލުންތެރިކުރުމުގެ ޓީމުތަކުން މަސައްކަތް ކުރަމުން އަންނައިރު، 220 ފިރިހެން އަދި އަންހެން ވޮލަންޓިއަރުންނާއި، ޙައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް ޚިދުމަތް ދިނުމަށް 12 އަށް ވުރެ ގިނަ ޓީމު 24 ގަޑިއިރު މަސައްކަތް ކުރެއެވެ.
ކީރިތި ރަސޫލާގެ މިސްކިތާއި އެ ތަނަށް ވަންނަ މަގުތަކާއި ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި އަލް ހަރަމައިން ރޭލް ސްޓޭޝަނާއި ޤުބާ މިސްކިތުގައި ޙައްޖު މޫސުމުގައި ސިއްހީ އަދި އިމަޖެންސީ ޚިދުމަތް ދިނުމަށް ވޮލަންޓިއަރުން ތިބީ ތައްޔާރަށެވެ.
ދޮޅު މިލިއަނަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ޙައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާއިރު، ރާއްޖެއިން ވެސް 1،150 މީހުން ވަނީ ޙައްޖުގެ އަޅުކަމަށް ސައުދީއަށް ގޮސްފައެވެ.