ޢީދުގެ އުފާފާޅު ކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މި އިލްތިމާސް ކުރެއްވީ މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ބޮޑު ޢީދުގެ މި ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އޮތް އެންމެ މުހިންމު އިލްތިމާސަކީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާން ކުރުން ކަމަށެވެ. އަދި ޢީދުގެ އުފާ ފައުޅުކުރުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުން ކަމަށެވެ. އިސްލާމީ އަޚްލާޤާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް ވެސް ރައީސްވަނީ އިލްތިމާސް ކުރައްވާފައެވެ.

ކީރިތި ﷲގެ ޙަޟްރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ ޢަމަލުތަކުގެ ތެރޭގައި، މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ ޢަމަލެއް ކުރުންކަން ރައީސްގެ ޚިޠާބުގައިވަނީ ފާހަގަ ކުރައްވާފައެވެ. އެއީ މެހްމާންދާރީ އަދާކުރުމާއި، ޞަދަޤާތެއް ނުވަތަ ހަދިޔާއެއް ދިނުމާއި، ހެޔޮ ދުޢާއެއް ކޮށްދިނުމާއި، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި ޢަމަލުތަކަށް އަވަސްވެގަތުން ފަދަ ކަންތައްތަކެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައިންގެ ޒަމާނުއްސުރެ ދަމަހައްޓަމުން އައި ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށެވެ. އެ ގޮތުން ކަމޭހިތުމާއި އިޙްތިރާމާއެކު މުޢާމަލާތުކުރުމާއި އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދެއްކުމަށް ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ.

ރައީސްގެ ޚިޠާބުގައިވަނީ، ޢީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާއި ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ދަރީންނަށް ބުނެދޭންޖެހޭ ކަމަށެވެ. އަދި މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއްކަން، ޢީދުން ރަމްޒުކޮށްދޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެ ގޮތުން މި އަހަރުގެ އަޟްޙާ ޢީދުގައި ޚުދު އެ މަނިކުފާނާއި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައިކަން ފާހަގަ ކުރެއްވިއެވެ.

ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާއި ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ ކަމަށް ރައީސްގެ ޚިޠާބުގައިވެއެވެ.