15 Jun 2024, 20:28
ޢީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރުމުގެ ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށް މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ ދިވެހިރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް އަޟްޙާ ޢީދުގެ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.
ސިޔާމްގެ ޚިޠާބުގައިވަނީ ޢީދުގެ އުފާފާޅު ކުރުމުގައި އިސްލާމްދީނުގެ އުސޫލުތަކާއި، މުޖުތަމަޢުގެ އަޚްލާގީ ހަމަތަކުން ބޭރުނުވެ، މުޖުތަމަޢުގެ ހުރިހާ ފަރާތްތައް ބައިވެރިކުރުމަށް ގޮވާލައްވައިފައެވެ.
ބަރަކާތްތެރި އަޟްޙާ ޢީދަކީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން މާތް ﷲ މިންވަރު ކުރައްވާފައިވާ އުފާފާޅު ކުރުމުގެ ދުވަސްތަކެއްކަން ފާހަގަ ކުރައްވައި، ޙައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލް ކުރުމަކީ މުހިންމު ކަމަށް އެ ޚިޠާބުގައިވެއެވެ. އަދި ވަކިން ޚާއްސަކޮށް، އިސްލާމްދީނަކީ އެއްބައިވަންތަ ކަމަށް ބާރުއަޅައި، ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ކަމަށް އިސްކަންދޭ، މާތް ﷲގެ ދީންކަން ފާހަގަ ކުރައްވައި، ސިޔާމް ވަނީ ދިރިއުޅުމުގައި ވެސް މި އުސޫލުތައް ހިފެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
ސިޔާމްގެ ޚިޠާބުގައިވަނީ ޙައްޖުގެ އަޅުކަން އަދާކުރައްވަމުންގެންދަވާ އެންމެހައި މުސްލިމު އަޚުންނާއި އުޚްތުންނަށް މަބްރޫރު ޙައްޖެއް މިންވަރު ކުރެއްވުމަށް އެދި ﷲ ޙަޒްރަތުގައި ދުޢާ ދަންނަވާފައެވެ. ޚިޠާބު ނިންމަވާލައްވާފައިވަނީ މި އުފާވެރި އަޟްޙާ ޢީދުގެ ދުވަސްތަކަކީ، ދިވެހީންނާއި، މުޅި އިސްލާމީ އުންމަތަށް ހުރިހާ ގޮތަކުން ވެސް އުފާ ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.