16 Jun 2024, 07:06
ފިލްމު އިންޑަސްޓްރީއާ ދުރަށް ގޮސް އަމިއްލަ ޤައުމުން ބޭރުގައި ދިރިއުޅުނުއިރު ވެސް އެންމެ ބޮޑު ގާތްކަމެއް ބެހެއްޓި އެކަކީ އެކްޓަރު ސަލްމާން ޚާން ކަމަށް ކުރީގެ އެކްޓަރު ފަރުދީން ޚާން ބުނެފިއެވެ.
ފިލްމު "ދުލްހާ މިލް ގަޔާ" 2010ގައި ރިލީޒްކޮށް އެ ފިލްމަށް ކުރިމަތިވި ނާކާމިޔާބީއާ އެކު ފަރުދީން ބޭނުންވީ ފިލްމީ ދާއިރާއަށް ދުރަށް ޖެހިލުމަށެވެ. އޭނާއަކީ 2000ގެ އަހަރުތަކުގައި ވަރަށް ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި އެކްޓަރެކެވެ.
ނަމަވެސް، ފަރުދީންގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެއްވެސް ވަރަކަށް ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް ހިތުގައި ނެތް ކަމަށް ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ފަރުފީން ވަނީ ބުނެފައެވެ.

ފަރުދީން ޚާން ބައްޕަ ފީރޯޒް ޚާންއާ އެކު--ފޮޓޯ--ފޭސްބުކް
ފިލްމީ ދާއިރާއަށް އެނބުރިއައުމާ މެދު ވިސްނުމަށް ފަހު ވަރަށް ގިނަ ކޯ-އެކްޓަރުންނަށް ގުޅި ކަމަށާއި ނަމަވެސް ފިލްމީ ދާއިރާއަށް އެނބުރިއައުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ސަލްމާން ޚާންގެ ފަރާތުން ކަމަށް ފަރުދީން ވަނީ ބުނެފައެވެ. ސަލްމާން ޚާނާ އެކު ފަރުދީން ޚާން ވަނީ ފިލްމު "ނޯ އެންޓްރީ"ގައި މަސައްކަތްކޮށްފައެވެ.
އެނބުރި ފިލްމީ ދާއިރާއަށް ނުކުތްއިރު މުޅީން އަލަށް ފިލްމީ މަސައްކަތަށް ނުކުންނަކަމުގެ އިހުސާސް ކުރެވި ކޮންމެ ވެސް ވަރަކަށް ޖެހިލުންވީ ނަމަވެސް އެ މަރުހަލާގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ސަލްމާން ޚާން ކަމަށް ފަރުދީން ވަނީ ބުނެފައެވެ.

ފަރުދީން ޚާން އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ފޭސްބުކް
ފިލްމު ކުޅުމާ ދުރުގައި އުޅުމަށް ފަހު 14 އަހަރު ފަހުން ބެލުންތެރިންނަށް ފަރުދީން ފެނުނީ ދާދި ފަހުން ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ"އިންނެވެ. ފަރުދީން މި ސީރީޒްގައި ކުޅުނު ރޯލް ކުޑަ ނަމަވެސް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ފަރުދީނަށް ވަނީ ލިބިފައެވެ.
ފަރުދީންގެ އިންޓަވިއުގައި ބުނެފައިވަނީ، ދޭތެރެދޭތެރެއިން މުމްބާއީއަށް އޭނާ އައުމާ އެކު ބައެއް ޕްރޮޑިއުސަރުންގެ ހުށަހެޅުން ލިބުނު ކަމަށާއި އޭރު އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީތީ މިހާރު ދެރަވާ ކަމަށެވެ. ފަރުދީންގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ފީރޯޒް ޚާންގެ ވަކިވެ ދިޔުމާ އެކު އޭނާ ބޭނުންވީ ކުޑަ ބްރޭކެއް ނަގަން ކަމަށާއި ނަމަވެސް 14 އަހަރު އެއީ ވަރަށް ދިގު މުއްދަތެއް ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށް 50 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
"ހީރާމަންޑީ"އަށް ފަހު ފަރުދީން އެންމެ އަވަހަށް ފެންނާނީ ބޮޑު ކާސްޓަކާ އެކު މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ ފިލްމު "ކޭލް ކޭލް މޭ"އިންނެވެ. ފަރުދީން ވަނީ ޓީ-ސީރީޒްއިން އުފައްދާ ބިރުވެރި ޑްރާމާ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ.