ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އަލްބޭނިއާއިން ލަނޑު ޖެހުމުގެ ރިކޯޑެއް ގާއިމުކުރިއިރު، އިޓަލީން ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާ އެކު މޮޅެއް ހޯދައިފިއެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގައި އިޓަލީއާއި އަލްބޭނިޔާ ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ އިޓަލީންނެވެ.

ނަމަވެސް، މެޗު ފަށައިގެން މިނިޓެއް ވެސް ނުވަނީސް ލަނޑު ޖަހާ އަލްބޭނިޔާއިން ވަނީ މުބާރާތުގެ ތާރީޚުގައި ރިކޯޑެއް ހަދާފައެވެ.

އެއީ، މުބާރާތުގެ އެންމެ އަވަސް ގޯލް ޖަހައިގެންނެވެ. އެންމެ އަވަސް ގޯލް ޖެހީ 23 ވަނަ ސިކުންތްގައި ބައިރާމީއެވެ.މީގެކުރީގެ ރިކޯޑަކީ 67 ސިކުންތެވެ. އެއީ، 2004 ވަނަ އަހަރު ގްރީސް ކޮޅަށް ރަޝިޔާއިން ޖެހި ލަނޑެކެވެ.

އިޓަލީ ކޮޅަށް ރޭ ބަޖްރާމީ ލަނޑު ޖެހީ ފެޑެރީކޯ ޑިމާކޯސް ފަހަތަށް ކީޕަރަށް ޖައްސާލި ބޯޅަ ހޯދައިގެންނެވެ. ނަމަވެސް އަލްބޭނިއާއަށް މި ލީޑުގައި ހިފަހައްޓާލެވޭ ގޮތްވީ 11 މިނެޓަށެވެ. އިޓަލީން ނަތީޖާ ހަމަހަމަކުރީ ޑިފެންޑަރު ބަސްޓޯނީ ޖެހި ލަނޑުންނެވެ.

އިޓަލީން ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. މިއީ ފްރަޓޭސީއަށް މުޅިން ހުސްކޮށްލާފަ ދިނުމުން ގޯލް އޭރިޔާގެ ކަނާ ދިމާލުގައި ހުރެ ފޮނުވާލި ބޯޅައަކުން ނިކޮލޯ ބަރޭލާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާ އެކު ގްރޫޕް ބީގައި ކޮންމެ ޓީމެއް ވަނީ އެއް މެޗު ކުޅެފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ސްޕެއިން ވަނީ ފުރަތަމަ މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށްފައެވެ.