17 Jun 2024, 09:10
އެކި ފަހަރުމަތިން މަރުގެ އިންޒާރުތައް ލިބިފައިވާ ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާނަށް އިންޒާރުދިން 25 އަހަރުގެ ޔޫޓިއުބަރެއް މުމްބާއީގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ ޔޫޓިއުބު ޗެނަލެއްގައި ސަލްމާން ޚާނަށް ނިސްބަތްކޮށް ދީފައިވާ އިންޒާރުތަކެއް ހިމެނޭ ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ސަލްމާން ޚާނަށް ނިސްބަތްކޮށް އުފައްދާފައިވާ މި ވީޑިއޯގައި ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރުދީފައިވާ އިންޑިއާގެ މަޝްހޫރު ބިޝްނޯއި ގޭންގުގެ ވާހަކަ ވެސް ހިމަނާފައިވާ ކަމަށެވެ.

ސަލްމާން ޚާން އިންޑިއާގެ ފުލުހުންގެ ސެކިއުރިޓީ ޓީމަކާ އެކު--ފޮޓޯ/އެމްއެސްއެން
ސަލްމާނަށް ބިރު ދެއްކި ކަމުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހު އެކްޓަރު މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓަށް ބަޔަކު މީހުން ބަޑީގެ ހަމަލާތަކެއް ދިން މައްސަލައިގެ ތަހުގީގުތައް ކުރިއަށް ދަނިކޮށެވެ.
އެހެންކަމުން ސަލްމާނާ ގުޅުންހުރި މިފަދަ މައްސަލަތައް ވަރަށް ސީރިއަސްކަމާ އެކު ޚާއްސަ އިސްކަމެއްދީގެން އިންޑިއާގެ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ސަލްމާންގެ މުމްބާއީ އެޕާޓްމަންޓަށް ދިންބަޑީގެ ހަމަލާތަކަށް ފަހު އޭގެ މަހެއްހާ ފަހުން އެކްޓަރު މުމްބާއީން ބޭރުގައި ދިރިއުޅޭ ފާމް ހައުސް ކައިރިން ވެސް ބަޔަކު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ސަލްމާން ދިރިއުޅޭ ފާމް ހައުސްގެ ފޮޓޯތައް ނެގުމުގެ އިތުރުން ސަލްމާންގެ ޝޫޓިންތައް ކުރިއަށްދާ ލޮކޭޝަންތަކުގެ މައުލޫމާތު އެއްކުރާކަމަށް ޝައްކު ކުރެވިގެންނެވެ.
މި މައްސަލަތަކާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ސަލްމާން ޚާން އަދި އާއިލާގެ މެންބަރުންގެ ސަލާމަތީ ރައްކާތެރިކަން އިތުރަށް ވަރުގަދަކޮށްފައެވެ.