17 Jun 2024, 12:22
މާލޭގައި އިއްޔެ މެންދުރު ހިނގި މާރާމާރީގައި ޒަޚަމުވި ދެ މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން މިއަދު ބުނެފިއެވެ.
އިއްޔެ ރެއިން ފެށިގެން މާލޭގައި ހިނގާފައިވާއިރު، ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔައީ އިއްޔެ މެންދުރު ހިނގި މާރާމާރީއެއްގައެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، މާރާމާރީގައި ޒަޚަމުވެގެން ފަރުވާދިން އެކަކު މިހާރު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި، ދެވަނަ މީހާއަށް ވެސް މިހާރު ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ ވޯޑުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މާރާމާރީގައި ޒަޚަމްވެގެން ގިނައީ ދެ ދިވެހީން ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙުމަދު ޝިފާން މީގެ ކުރިން "ސަން"އަށް ވިދާޅުވީ މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކަކީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ޝަހީދު އަލީ މިސްކިތް ހުންނަ ސަރަހައްދުގައި ހިނގި މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ މެންދުރު 12:45 އެހާކަންހާއިރެވެ. އެއީ، އިއްޔެ ހިނގި ދެވަނަ މާރާމާރީއެވެ. އޭގެ ކުރިން އިއްޔެ ފަތިހު ހުޅުމާލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގައި، ފުލުހަކާ އެކު ދެ މީޙުން ޒަޚަމުކޮށްލައިފައެވެ.
ފުލުހުން ބުނީ، އިއްޔެ ފަތިހު 4:07 އެހާކަންހާއިރު ހުޅުމާލޭގައި ހިނގި އެ މާރާމާރީ ހުއްޓުވަން އުޅުމުގެ ތެރޭގައި މާރާމާރީ ހިންގި ދެ މީހުން ކާރަކުން ފުލުހެއްގެ ގައިގައި ޖައްސާފައި ފިލީ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފައެވެ.
އޭގެ ކުރިން އިއްޔެ ރޭ ވެސް ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިނގިއެވެ. އެ މާރާމާރީގައި އެކަކު ޒަޚަމުވިއިރު، އެ މީހާއަށް ސީރިއަސް އަނިޔާތަކެއްނުވާ ކަމަށް އޭނާއަށް ފަރުވާދިން ސެނަހިޔާ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މާރާމާރީތަކުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.