18 Jun 2024, 01:13
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތަރިންގެ މައްޗަށް އެކުލެވޭ ބެލްޖިއަމުން ޖެހި ދެ ލަނޑު ވީއޭއާރުން ބަލައިނުގަތް އިރު، ސްލޮވާކިޔާގެ ހަމައެކަނި ލަނޑާއެކު އެ ޓީމު 1-0 އިން މޮޅުވެއްޖެއެވެ.
މެޗުގައި ބެލްޖިއަމުގެ ފޯވާޑް ލުކަކޫ ދެ ލަނޑު ޖެހި ނަމަވެސް އުފާފާޅުކުރި ފަހުން ރެފްރީ ވަނީ އެ ދެ ގޯލުވެސް ބަލައިނުގަންނަން ނިންމައިފައެވެ.
މެޗުގައި ސްލޮވާކިޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ވަރަށް ކުރީކޮޅެވެ. އެގޮތުން މި ލަނޑު ޖަހާފައިވަނީ މެޗު ފަށައިގެން ހަ ވަނަ މިނެޓުގައެވެ. ބެލްޖިއަމް ޑިފެންޑަރުން ފަހަތުން ހެދި ގޯހަކާހެދި ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތެއްގައި ލަނޑު ޖެހީ އިވާން ޝްރަންޒް އެވެ.
މި ލަނޑާއެކު ބެލްޖިއަމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވިއެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓްގައި ސްލޮވާކިޔާގެ ފަހަތުން ކީޕަރަށް ހެދުނު ގޯހެއްގައި ނަތީޖާ ހަމަހަމަ ކުރަން ބެލްޖިއަމްއަށް ފުރުސަތު ލިބުނެވެ. ކީޕަރަށް ބޯޅަ ޖައްސާލެވުނީ އޭރިޔާ ބޭރުގައި ހުރި ޓްރޮސާޑަށެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ލުކާކޫ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ އެ ގޯލު ބަލައެއް ނުގަތެވެ.
ލުކަކޫ ދެވަނަ ލަނޑެއް ޖަހައި އުފާފާޅުކުރީ 85 ވަނަ މިނިޓްގައެވެ. ފަހަތުން ކުޅުނު ދިގު ބޯޅައެއްގައި އޮޕެންޑާ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއްފަހަރުން ޖަހާ ގޯލްގެ މަތީ ކަނަށް ފޮނުވާލައި ބެލްޖިއަމް ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ.
ނަމަވެސް ގިނަ އިރުތަކެއް ވަންދެން ބެލުމަށްފަހު ރެފްރީ ލަނޑެއް ނޫން ކަމަށް ނިންމީ، އޮޕެންޑާ އަރިމަތިން ބޯޅަ ހުރަސްކޮށްދިނުމުގެ ކުރިން އޭނާ އަތުން ބޯޅަ ކޮންޓްރޯލް ކޮށްފައިވާތީއެވެ.
ވީއޭއާރުން ބޯޅައިގެ ޗިޕުގެ އެހީގައި އަތުގައި ޖެހުނުތޯ ބަލާފައިވެއެވެ.
މިއީ މުބާރާތުގައި ކުރިޔަށްދިއުމަށް ސްލޮވާކިޔާއަށް މުހިއްމު އަދި އުއްމީދީ މޮޅެކެވެ.