18 Jun 2024, 12:00
ޣައްޒާގެ ރަފްހު ސަރަހައްދުގައި އިސްރާއީލު ހިންގާ ލާއިންސާނީ އުދުވާން ދެހަފުތާގެ ތެރޭގައި ހުއްޓާލަން ނިންމާފައިވާކަން އިސްރާއީލު ސިފައިންގެ މުއައްސަސާއިން ހާމަކުރުމުން ސިފައިންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތަކާ ގުޅިގެން އިސްރާއީލުގެ ސިފައިންނާއި އެގައުމުގެ ސަރުކާރާ ދެމެދުވަނީ ބޮޑު ކޯޅުމެއް އުފެދިފައެވެ.
ނަތަންޔާހޫ ބުނީ އިސްރާއީލު ކުރަންޖެހޭ ކަންކަމާއި ނުކުރަންޖެހޭ ކަންކަން ނިންމާނީ ސިފައިން ނޫންކަމުގައެވެ. މިކަމާމެދު ހިތްހަމަ ނުޖެހިގެން ނަތަންޔާހޫ ވަނީ އިސްރާއީލަކީ ސިފައިންގެ ގައުމެއް ނޫންކަމަށާއި ސިފައިން ތިބެންޖެހޭނީ ސިޔާސީ އިސްފަރާތްތަކުގެ އަމުރުވެރިކަމުގެ ދަށުގައިކަން ސިފައިންގެ މުއައްސަސާއަށް ހަނދާން ކޮށްދީފައެވެ.
މިމައްސަލާގައި ނަތަންޔާހޫގެ ފިރިހެން ދަރި ޔައީރު ނަތަންޔަހޫ ވަނީ އިސްރާއީލު ސިފައިން ގައުމަށް ޚިޔާނާތްތެރިވާކަމަށް ސިފަކޮށް ވާހަކަ ދައްކާފައެވެ. ޔައީރު މިގޮތަށް ވާހަކަ ދެއްކުމުން ސިފައިންގެ ބައެއް ފަރާތްތަކުންވަނީ އޭނާއާ ދެކޮޅަށް ރުޅިވެރިކަން ފާޅުކޮށްފައެވެ.
ރަފްހުގައި އިސްރާއީލު ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ބިނާކޮށްފައިވަނީ ފަލަސްތީނުގެ ނިކަމެތި އަދި ހަތިޔާރުނެތް އާންމުން މެރުމަށެވެ. އެއީ އާންމުން މަރައިގެން އިސްރާއީލަށް އަމާން ދިނުމަށް ހަމާސްގެ މުޖާހިދުންނަށް މަޖުބޫރު ކުރުވުމަށެވެ.
އިސްރާއީލުން މުޅި ޣައްޒާގައި 37 ހާހަށް ވުރެ ގިނަމީހުން ޝަހީދުކޮށްލާފައިވާއިރު ހަމައެކަނި ރަފްހު ސަރަހައްދުގައިވެސް ހަތް ހާހަށް ވުރެ ގިނައާންމުން ޝަހީދުކޮށްލާފައިވެއެވެ.
އިސްރާއީލުގެ އިސްވެރިންގެ މައްޗަށްވަނީ ހަނގުރާމައިގެ ޖަރީމާ އާއި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައާއި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައިކޮށް މިދެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް ދައުވާ އުފުލާފައެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރު ޔޮއަފް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެކޯޓުގެ ފަނޑިޔާރުންގެ ކިބައިންވެސް އެދިފައެވެ.
މިމައްސަލާގައި އިސްރާއީލުވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ޓެރަރިޒަމަށް ވާގިވެރިވާ ކޯޓެއްކަމަށް ސިފަކޮށް ކޯޓަށް ބިރުދެއްކުމުގެ ބަޔާންތަކެއް ނެރެފައެވެ. އިސްރާއީލުގެ ޖަރީމާތަކަށް ވާގިވެރިވާ އެމެރިކާގެ ކޮންގްރެސްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިންވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓާއި އެކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.
ކޮންގްރެސްގެ މިއަމަލުންވަނީ އެމެރިކާއަކީ ތަހުޒީބު ގައުމެއްނޫންކަމާއި ކޯޓުތަކަށް އަތްބާނަން މަސައްކަތްކުރާ ގައުމެއްކަން މުޅި ދުނިޔެއަށް ހާމަވެފައެވެ.
މިއީ ބައިނަލްއަގްވާމީ ކޯޓުތަކަށް އަތްބާނައި ބައިނަލްއަގްވާމީ ނިޒާމަށް ގޮންޖަހައި ބައިނަލްއަގްވާމީ އިންސާފަށް ހުރަސްއެޅުމަށް އެެމެރިކާ ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެއްކަމަށާއި އެމެރިކާއަކީ ހަމައާއި އިންސާފާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކޭވަރުގެ ގައުމެއް ނޫންކަމަށް ހާމަވާކަމެއްކަމަށް އިންސާނީ ހައްގުތަކަށް ވަކާލަތުކުރާ މިނިވަން ގާނޫނީ ވަކީލުން ސިފަކުރައްވައެވެ.
ގަވައިދާއި ގާނޫނުގެ މައްޗަށް ބިނާކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމު ހަލާކުކޮށް ގަޑުބަޑު ކުރަމުންދާކަމުގެ ތުހުމަތުވެސް އިންސާނީ ހައްގުތަކަށް ވަކާލަތުކުރާ މިނިވަން ގާނޫނީ ވަކީލުންނާއި ޖަމްއިއްޔަ ޖަމާއަތްތަކުން އެމެރިކާގެ މައްޗަށްވަނީ ކޮށްފައެވެ.
އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން ޣައްޒާގެ ރަފްހު ސަރަހައްދުގައި އިސްރާއީލު ހިންގާ ބިންމަތީ އަސްކަރީ އޮޕަރޭޝަންތައް ދެހަފުތާގެ ތެރޭގައި ހުއްޓާލުމަށްފަހު ދެން ހިންގާނީ ވަކިވަކި ތަންތަނަށް ހަމަލާދިނުމަށް ހިންގާ އަމާޒުކޮށްގެން ހިންގާ ވައިގެ އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންތައް އަމާޒުކުރާނީ ޣައްޒާގެ ދެކުނުގައިވާ އެކިއެކި އިމާރާތްތަކަށެވެ.
ރަފްހު ސަރަހައްދުގައި އިސްރާއީލު ހިންގާ ބިންމަތީ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމާފައި މިވަނީ ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލުމާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ސިފައިންގެ ފައްސަތޭކައެއްހާ މީހުން ޣައްޒާގެ ރަފްހު ސަރަހައްދުގައި މުޖާހިދުންގެ ހަމަލާތަކުގައިވަނީ މަރާލާފައެވެ. ނަމަވެސް އިސްރާއީލު އެއްބަސްވާގޮތުގައި ރަފްހު ސަރަހައްދުގައި މަރާލާފައިވަނީ އިސްރާއީލު ސިފައިންގެ ފަސްދޮޅަހަކަށް މީހުންނެވެ.
މުޅި ޣައްޒާގައި މުޖާހިދުން ދިން ހަމަލާތަކުގައި އިސްރާއީލުގެ އަށް ހާހަށް ވުރެ ގިނަ ސިފައިން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިސްރާއީލުން އެއްބަސްވެފައިވަނީ 665 ސިފައިން މަރުވިކަމަށެވެ.
ރަފްހުގެ ބިންމަތީ އޮޕަރޭޝަންތައް ހުއްޓާލައި ހަމައެކަނި ވައިގެ ހަމަލާތަކަށް ބަދަލުކޮށްލުމަށް އިސްރާއީލު ސިފައިން ނިންމާފައިވާ ނިންމުމަށް އިސްރާއީލުގެ ސަރުކާރުން އެއްބަސް ވެފައެއް ނުވެއެވެ. އަދި އިސްރާއީލު ސިފައިންގެ މި ނިންމުމުގެ މައުލޫމާތު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ޔޮއަވް ގަލާންޓާ ހިއްސާކޮށްފައިވެސް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އަނެއްކޮޅުން އަސްކަރީ ކަންކަން ސިފައިން އެކަނި ނިންމާތީ ނަތަންޔަހޫ އާއި ގަލަންޓްވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން އެދެމީހުންގެ ވާހަކަތަކުންވަނީ ހާމަވެފައެވެ.
ޣައްޒާގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ހަތިޔާރުނެތް އާންމުން މެރިނަމަވެސް ފަލަސްތީނުގެ މުޖާހިދުން ބަލިކުރުމުގައާއި އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައި އިސްރާއީލު ސިފައިންނަށް އެއްވެސް ކާމިޔާބެއް ނުލިބެއެވެ. އަދި އިސްރާއީލު އެއްބަސް ނުވިނަމަވެސް ޣައްޒާގެ މުޖާހިދުން އިސްރާއީލު ސިފައިންނަށްދަނީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އިސްރާއީލުގެ ސިފައިންނާއި ސިޔާސީ ފަރާތްތަކާދެމެދު މައްސަލަ ޖެހިފައިވަނީ ޣައްޒާގައި އިސްރާއީލު ސިފައިންނަށް އަަސްކަރީ ގޮތުން ކާމިޔާބު ނުލިބޭތީއެވެ.