23 Jun 2024, 08:47
ވޮޝިންޓަން (22 ޖޫން 2024): އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ފާޑުކިޔައި، އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވީޑިއޯއެއް އާންމު ކުރުމުން އެމެރިކާއިން އެ ކަމާ މެދު ވަރަށް ބޮޑަށް ނުރުހި އެކަން ކުށްވެރިކޮށްފިއެވެ.
ނަތަންޔަހޫގެ މި ވީޑީއޯއާ ގުޅިގެން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ، މިއީ ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށާއި ނަތަންޔާހޫގެ މި އަމަލުކުށްވެރިކޮށް އެ ކަމާމެދު އެމެރިކާއިން ކަންބޮޑުވާކަމުގައެވެ.
މި ވީޑީއޯގައި ދެއްކި ވާހަކަތަކުގައި ނަތަންޔަހޫ ބުނެފައިވަނީ ޣައްޒާއަށް ހަމަލާދޭން ބޭނުންވާ ޒަމާނީ ހުރިހާ ހަތިޔާރެއް ވެސް ފޯރުކޮށްދޭނެ ކަމަށް ބައިޑަން އޭނާގެ ގާތުގައި ވިދާޅުވެ، ވައުދުވެ ވަޑައިގަންނަވާފައިވާ ކަމަށާއި ނަމަވެސް އެ ވައުދާ އެއްގޮތަށް އޭނާ އަމަލުކުރައްވާފައިނުވާ ކަމުގައެވެ.
އެމެރިކާއަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު ފަށާފައިވާ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު އެންމެ ގިނައިން ފޯރުކޮށްދޭ ގައުމުކަމަށްވާއިރު އެމެރިކާ އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރުގެ ސަޕްލައިއަށް ލޮޅުމެއް އެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ވީޑީއޯގައި ނަތަންޔަހޫ ބުނެފައިވެއެވެ. އަދި، އިސްރާއީލު ބޭނުންވާ އެއްވެސް ހަތިޔާރަކަށް ހުރަސް އެޅުމަށް ބައިޑަން ނުނިންމަވާނެ ކަމަށާއި އެފަދަ ނިންމުމެއް ބައިޑެން ނިންމަވަފާނެ ކަމަށް ގަބޫލުވެސް ނުކުރެވޭކަމަށް ނަތަންޔާހޫ އޭނާގެ ވީޑިޔޯގައި ބުނެފައިވެއެވެ.
އެމެރިކާ ދެކޭގޮތުގައި އެމެރިކާގެ ރައީސާއި އެހެން ގައުމެއްގެ އިސްވެރިއަކާ ދެމެދު ދެކެވޭ އެއްވެސް ވާހަކައެއް މިގޮތަށް ވީޑިއޯ ހަދައިގެން އާންމުކުުރުމަކީ ޑިޕްލޮމެޓިކް އުސޫލާ ޚިލާފު ކަމެކެވެ. އަދި، އެއީ އެމެރިކާގެ ރައީސަށް އިހާނަތިކޮށް އަދި ޕްރެޝަރުކުރުމަށް ހިންގާ އަމަލެކެވެ. އެމެރިކާގެ ރައީސާ ގުޅޭ މިފަދަ ސިއްރު ވާހަކަތަކާބެހޭ ވީޑީއޯ ހަދައި މީޑިޔާއަށާއި އާންމުންނަށް ހާމަކުރުމަކީ އެމެރިކާގެ ރައީސަށް ކުރެވޭ އިހާނާތެެއް ކަމަށް ވެސް އެމެރިކާއިން ދެކެއެވެ.
އެމެރިކާއަކީ އިސްރާއީލުން ހިންގާ އެކި ބާވަތުގެ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށާއި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކަށް އެންމެ ބޮޑަށް ވަގިވެރިވާ ގައުމެވެ. މީގެ އިތުރުން، އެމެރިކާ ގެންދަނީ އިސްރާއީލުގެ ޖަރީމާތައް ބަލައި ތަހުގީގުކުރާ ބައިނަލްއަގުވާމީ ކޯޓުތަކަށް ބިރުދައްކައި ބައިނަލްއަގުވާމީ އިންސާފަށް ހުރަސްއެޅުމަށާއި ކޯޓުތަކަށް އަތްބޭނުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދައިގެން އުޅޭ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ބާރާއި ނުފޫޒު އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ މަލީ ނިޒާމާއި އިގުތިސާދުގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންގެ އަތްމަތީގައެވެ.
އެހެންކަމުން އިސްރާއީލުން އެމެރިކާއަށް އިހާނާތް ކުރިކަމަށް ވިޔަސް އެ ކަމާ މެދު ހިތްހަމަނުޖެހޭކަން މަތިމަތިން ހާމަކޮށްލުން ފިޔަވައި އެހެން ކަމެއް އިސްރާއީލާ ދެކޮޅަށް ކުރުމަކީ އެމެރިކާގައި ޔަހޫދީންގެ ބާރު އޮތް މިންވަރު ބޮޑުކަމުން އެމެރިކާގެ އެއްވެސް ސަރުކާރަކަށް ކުރަން ކެރޭނެކަމެއް ނޫނެވެ.
ޣައްޒާގެ ރަފްހު ސިޓީގައި އިސްރާއީލު ސިފައިން ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައި އެމެރިކާ އިސްވެ އޮވެގެން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިސްރާއީލު ގޮންޖެހުމުން އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލުމަށް އެމެރިކާގެ އާންމުންގެ ފަރާތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމެރިކާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިއެވެ.
މި ފިއްތުންތަކާ ގުޅިގެން ނުރައްކާތެރި ބައެއް ބާވަތުގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުން އެމެރިކާ ދުވަސްކޮޅަކަށް މެދުކަނޑާލިއެވެ. ރިޕޯޓްތައް ބުނާގޮތުން މިގޮތަށް އެމެރިކާ މަޑުޖައްސާލީ ނުރައްކާތެރި ހަތިޔާރުގެ އެންމެ ޝިޕްމެންޓެކެވެ.
އެއީވެސް ދުނިޔޭގެ އާންމުންގެ މެދުގައި އަނދުން އެޅުވުމަށް އެމެރިކާ ހެދި ހީލަތެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ އެ ޝިޕްމެންޓް މަޑުޖައްސާލި ދުވަސްވަރުގައި ވެސް އެކިބާވަތުގެ އެ ނޫން ހަތިޔާރު އެމެރިކާއިން ހުއްޓުމެއްނެތި އިސްރާއީލަށް ފޯރުކޮށްދެމުން ގެންގޮސްފައިވާތީއެވެ.
ޣައްޒާގައި އިސްރާއީލުން 37،000 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށް ހޮސްޕިޓަލްތަކާއި ސްކޫލްތައް ފުނޑާލުމުގެ ޖަރީމާތައް ހިންގާފައިވަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެންނެވެ. މިކަން އެމެރިކާގެ ވެރިންނަށް ވެސް ރަނގަޅަށް އެނގެއެވެ.
އެމެރިކާ ގެންދަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ އިސްތިއުމާރު ދެމެއްޓުމަށްޓަކައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ޓެރަރިޒަމްގެ އަމަލުތަކަކީ އަމިއްލަ ނަފުސު ދިފާއުކުރުމުގެ އަމަލުތަކެއް ކަމަށް ބުނެ އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވަމުންނެވެ.
އަނެއްކޮޅުން ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް ސިފަކޮށް މިނިވަންކަމުގެ ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެމެރިކާގެ މި ހަރުކަށި އަމަލުތަކުގެ ސަބަބުން އެމެރިކާގެ އަގު ދުނިޔޭގެ ކުރިމަތީގައިވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.