24 Jun 2024, 15:56
ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި އެޕަލްއިން މެލޭޝިއާގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން މެލޭޝިއާގައި އެ ކުންފުނީގެ ފުރަތަމަ ރަސްމީ ފިހާރަ ހުޅުވައިފިއެވެ.
ކުއާލަލަމްޕޫރުގެ ޝޮޕިން ސެންޓަރެއް ކަމަށްވާ އެކްސްޗޭންޖް ޓީއާރްއެކްސްގައި އެޕަލްގެ ރީޓެއިލް ވިޔަފާރިއާ ގުޅޭ ނައިބު ޑެއިޑްރޭ އޯބްރައިން ވަނީ ރަސްމީކޮށް މި ފިހާރަ އިފުތިތާހުކޮށްދެއްވައިފައެވެ.
ފިހާރަ ހުޅުވުމާ އެކު އެތައް އިރެއް ވަންދެން ކިޔޫގައި ތިބި 250 އަށްވުރެ ގިނަ ކަސްޓަމަރުން ވަނީ އެ ތަނުން ވިޔަފާރިކޮށްފައެވެ. އެޕަލްއިން ބުނި ގޮތުގައި އެންމެ ފުރަތަމަ ވަދެވުނު ކަސްޓަމަރަކީ ހުޅުވަން އޮތް ދުވަހުގެ ކުރީ ރޭ 10:00 އިން ފެށިގެން ކިޔޫގައި އިންތިޒާރުކުރަމުން އައި ކަސްޓަމަރެކެވެ.
މި ފިހާރައިން އެޕަލްގެ ހުރިހާ އުފެއްދުމެއް ލިބެން ހުންނާނެއެވެ.
ދެ ފަންގިފިލާއަށް ހުންނަ އެޕަލްގެ މެލޭޝިއާ ފިހާރައަކީ ސިންގަޕޫރަށް ފަހު އޭޝިއާގެ އެންމެ ބޮޑު އެޕަލް ރީޓެއިލް ފިހާރައެވެ. މެލޭޝިއާ ގަނޑިން ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް މި ފިހާރަ ހުޅުވާފައި ހުންނާނެއެވެ.
މެލޭޝިއާގައި އެޕަލްގެ ރީޓެއިލް ފިހާރައެއް ހުޅުވިއިރު އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހީން ވެސް ދިރިއުޅެއެވެ.
މެލޭޝިއާގެ އިތުރުން އެޕަލްގެ ފިހާރަތައް އިންޑިއާގެ މުމްބާއީއާއި ސިންގަޕޫރުގައި ވެސް ހުރެއެވެ.