23 Jun 2024, 20:08
އެމެރިކާ އާއި ކެރޭބިއަން ސަރަހައްދުގައި މިހާރު ކުރިއަށްދާޓީ ޓުވެންޓީ ކްރިކެޓް ވާރލްޑް ކަޕްގެ ސުޕާ އެއިޓް ގްރޫޕް ވަންގައި އަފްޣާނިސްތާނާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު އަފްޣާނިސްތާނުން ކާމިޔާބުކޮށް އެންމެން ހައިރާން ކޮށްލައިފިއެވެ.
ސެއިންޓް ވިންސެންޓްގައި ކުޅުނު މި މެޗު އަފްޣާނިސްތާންއިން ކާމިޔާބު ކޮށްފައިވަނީ 21 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.
މިގޮތުން އަފްޣާނިސްތާންއިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 148 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 60 ލަނޑު ހަދައިދިން ރަހްމާނުﷲ ގުރްބާޒުއެވެ.
މީގެއިތުރުން އިބްރާހީމް ޒަދުރާންވަނީ މި މެޗުގައި 51 ލަނޑު ހަދައިދީފައެވެ. މިއީ ނިންގްސްގައި އޮސްޓްރޭލިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 28 ލަނޑަށް ތިން ވިކެޓް ނަގައިދިން ޕެޓް ކަމިންސްއެވެ. މީގެއިތުރުން އެޑަމް ޒަމްޕާވަނީ ހަތަރު އޯވަރު 28 ލަނޑަށް ދެ ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 19 އޯވަރު ދެ ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 59 ލަނޑު ހަދައިދިން ގްލެން މެކްސްވެލްއެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި 50 އޯވަރުގެ ކްރިކެޓް ވާލްޑް ކަޕްގައި އަފްޣާނިސްތާން ކައިރިން އޮސްޓްރޭލިއާ ސަލާމަތްކޮށްދިން ގޮތަށް މި ފަހަރު މެކްސްވެލްއަށް އެކަން ކޮށްދެވޭގޮތެއް ނުވިއެވެ.
މިއީ ނިންގްސްގައި އަފްޣާނިސްތާނަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 20 ލަނޑަށް ހަތަރު ވިކެޓް ނަގައިދިން ގުލްބަދީން ނައިބްއެވެ. މީގެއިތުރުން ނަވީނުލް ހައްގުވަނީ ހަތަރު އޯވަރު 20 ލަނޑަށް ތިން ވިކެޓް ނަގައިދީފައެވެ.
މި ކާމިޔާބީއާއެކު އަފްޣާނިސްތާން އިން ގިނަ ބަޔަކު ހައިރާން ކޮށްލުމުގެ އިތުރުން މި މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމަށް ކުރާ އުންމީދުގައި ވެސް މި ވަނީ ކުރިއަށް ފިޔަވަޅެއް އަޅައިފައެވެ.
އަފްޣާނިސްތާން މިހާރު އުޅެނީ ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕް ވަންގައި އޮސްޓްރޭލިއާ އާއި ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. ނަމަވެސް ރަން ރޭޓަށް ބަލާއިރު އެ ޓީމު އުޅެނީ އޮސްޓްރޭލިއާގެ ފަހަތުން ތިންވަނައިގައެވެ.