މިދިޔަ ހޮނިހިރު ދުވަހު ހިންގި މާރާމާރީއެއް ހުއްޓުވުމަށް މަސައްކަތްކުރި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލި ދެވަނަ މީހާ ހައްޔަރުކޮށް އެމީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިިގެން ފުލުހުން ބުނީ މި މައްސަަލައިގައި އިއްޔެ ހައްޔަރުކުރި 22 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

ހުޅުމާލެ ދިހަ ނަންބަރު ފްލެޓު ކައިރީގައި، މާރާމާރީއެއް ހިނގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ ސަރަހައްދަށް ދިޔައިރު، ފުލުހެއްގައި ކާރުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މީހާ ކާރަކަށް އަރައިގެން ދާން މަސައްކަތް ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފިލަން މަސައްކަތް ކުރި މީހާ ހުއްޓުވުމަށް ފުލުހަކު ކާރު އެއްފަރާތަށް އެރުމުން ފުލުސް މީހާގެ ފައިމައްޗަށް ކާރު އެރުވުމަށް ކާރު ފަހަތަށް ޖެއްސި ކަމަށް ފުލުހުން ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި ކާރު ހުއްޓުވުމުގެ ގޮތުން ކާރުގެ ކުރިމައްޗަށް ދެ ފުލުހަކު އެރުމުން ވެސް ބާރު ސްޕީޑުގައި މަޑުނުކޮށް ކާރު ފިލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި މީގެކުރިން އެކަކު ހައްޔަރު ކޮށްފައި ވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

https://sun.mv/193466

މި މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕީޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ވާއިރު މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން ފުލުހުންނަށް އަމާޒުކޮށްގެން މިފަދަ މާރާމާރީތައް ގޭންގުތަކުން އަންނަނީ ހިންގަމުންނެވެ.