އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ފުލުހުން މިރޭ ބުނެފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އައްޑޫގައި އިހުތިޖާޖުކުރަމުންނެވެ.

މި އިހުތިޖާޖާ ގުޅިގެން އޭއެފްސީން ކަރަންޓު ކަނޑާލައި، އެ ތަނުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ބުނީ އިއްޔެއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ، މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިއަދު ހަވީރު 16:00 ގެ ފަހުން އޭއެފްސީން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓު ގެންނާނެކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ފުލުހުން މެދުވެރިވެގެން ކަރަންޓުދިނުމަށް މިފްކޯއިން މިއަދު ހަވީރު މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވަމުންދިޔައިރު، އިހުތިޖާޖަށް އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ފުލުހުން ބާރުގެބޭނުން ވެސް ކޮށްފައިވާނެ ކަމަށެވެ.

"ފުލުހުން މެދުވެރިވެގެން ކަރަންޓު ދިންފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓުވަނީ އަލުން ކަނޑާލާފައި. އެހެންކަމުން އަލުން ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

މިފްކޯއިން ބުނީ، އޭއެފްސީގައި ބިދޭސީ މުވައްޒަފުންނާއެކު ޖުމުލަ 100 މުވައްޒަފުން ތިބޭނެ ކަމަށެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުން:އެ މީހުންގެ ޒަރޫރީ ކަންކަމަށް ހުރަސްއެޅިފައިވާ ކަމަށް މިފްކޯއިން ބުނޭ -- ފޮޓޯ/ މިފްކޯ

އެ ކުންފުނިން ބުނީ، މަސްވެރިންގެ ޑިމާންޑަކީ އެކޮމަޑޭޝަނާއި އެޑްމިން އިމާރާތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑާފައި ބެހެއްޓުން ކަމަށެވެ. އަދި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގައި ދައްކައި ނިންމަން ވެސް މަސްވެރިން އަންނަނީ ޑިމާންޑުކުރަމުންނެވެ.

އިއްޔެގެ 14:40 އިން ފެށިގެން އަދިވެސް އެކޮމަޑޭޝަނާއި، އެޑްމިން އިމާރާތާއި، މިސްކިތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑައިލާ ސިސްޓަމް ޝަޓްޑައުން ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާއެކު މުވައްޒަފުންގެ ޒަރޫރީ ކަންކަމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

ޢީދު ބަންދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ފައިސާ ދޫކުރީ ވެސް މަސްވެރިން މާލޭގައި އިހުތިޖާޖުކުރި ފަހުންނެވެ. މިފްކޯއިން ބުނީ، ނުދެވި ހުރި ފައިސާ ވީހާ ވެސް އަވަހަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާއަށް އެހާ ބޮޑު އަދަދެއް އިތުރުނުވާ ކަމަށް ބުނި ނަމަވެސް މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާގެ އަދަދު މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ. މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.