23 Jun 2024, 21:39
މީގެކުރިން އެމްޑީޕީގެ މައި ސިޔާސީ ހަރުގޭގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހ. ވެޔޮވިލާ ގޭގައި ހިންގި ހަރުގެ، މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީގެ ހަރުގޭގެ ގޮތުގައި، ޕީއެންސީގެ ދިދަ ނަގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހުޅުއްވައިދެއްވަވައިފިއެވެ.
ޖަގަހަ ހުޅުވުމަށް މިރޭ އޮތް ރަސްމިއްޔާތަށް އާޓިފިޝަލް ބީޗު ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެ ބައިވެރިވެފައެވެ. އަދި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފުގެ އިތުރުން ޕީއެންސީއާ ގުޅިގެން ތިބި ޕާޓީތައްކަމަށްވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދާއި، އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގަތެވެ.
ހ. ވެޔޮވިލާ ގޯތީގައި އެންމެ ފުރަތަމަ ހިންގީ މިހާރުގެ އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީގެ ހަރުގެއެވެ. ސިޔާސީ ގޮތުން ގައުމު އެންމެ ހަލަބޮލިކޮށް އޮތް ދުވަސްވަރުގައި ވެސް އެ ތަނުގައި އެމްޑީޕީގެ ހަރަކަތްތައް ކުރިއަށް ދިޔައެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ހިންގި ހަރަކާތްތަކާއި، ޖަލްސާތައް ވެސް ބާއްވަމުން އައީ އެ ޖަގަހައިގައެވެ.
އެމްޑީޕީގެ ހަރުގޭގެ ގޮތުގައި ގިނަ އަހަރުތަކެއް އެ ތަން އޮތުމަށްފަހު އެމްޑީޕީ ރޫޅުމާއެކު، އެ ތަނުން އެމްޑީޕީގެ ކުލަ ފޮހެވި، ދެން އެ ތަން ބަދަލުވީ އެމްޑީޕީ ދެކަފިވެ އުފެދުނު ދަ ޑިމޮކްރެޓްސްގެ ހަރުގެއަށެވެ.
ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ހުއްޓި، މަސައްކަތް ފަނޑުވުމާއެކު މިހާރު އެ ތަން ބަދަލުވެގެން ގޮސްފައިމިވަނީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ހަރުގެއަށެވެ.