ސިޔާސީ ބަދަލު ހިފުމުގެ ރޫހު މިހާރު ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް ކުށެއް ކޮށްފިނަމަ، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ ބަދަލު ހިފުމެއް ނުހިފާނެ ކަމަށާއި، ރައްޔިތުން ބޭނުންވީ ގޮތަށް މިހާރު އެ ކަން މި ގައުމުން ނައްތާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީގައި ރައްޔިތުން ތިބިހާ ހިނދަކު މި ގައުމަކުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ،" ތަކުރާރުކޮށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ގައުމުގައި އަދުލު އިންސާފު ގާއިމް ކުރެވޭނެ ކަމަށާއި، ކޮރަޕްޝަނާއި ވައްކަމަށް ފުރުސަތެއް ނޯންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އެ ފަދަ ކުށްތައް ކުރާ މީހުންނާ މެދު އެ މަނިކުފާނު އިސްވެ ފިޔަވަޅު އަޅުއްވާނެއެވެ.

ޕީއެންސީ ހަރުގެ ހުޅުވުން: ރައީސް ވިދާޅުވީ ކުށްކުރާ ނަމަ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ނާޖާއިޒު ގޮތުގައި ކަންކަން ކުރުމަކަށް ޖާގައެއް ނޯންނާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއީ ބަދަލު ހިފުން ނޫން ކަމަށާއި، އެއީ އިންސާފު ގާއިމްކުރުން ކަމަށެވެ.

"އެހެންވީމާ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ މިހާރު ހަތްމަހާއި ފަސް ދުވަސްވެއްޖެއެވެ. މި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

ޕީއެންސީ ހަރުގެ ހުޅުވުން: ޕީއެންސީ ހަރުގެ ހުޅުވާފައިވަނީ މީގެ ކުރިން އެމްޑީޕީ، އަދި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ތަނުގައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިރޭ ޕީއެންސީގެ ޖަގަހަ ހުޅުވިގެން ދިޔައީ މީގެކުރިން އެމްޑީޕީގެ މައި ސިޔާސީ ހަރުގޭގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހ. ވެޔޮވިލާ ގޭގައެވެ.

ރައީސް ވަނީ ޕީއެންސީ ޖަގަހައިގައި އެކިއެކި ގޮތްގޮތުން ރައްޔިތުންނަށް ތެދު ހަގީގަތް ހަމާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު އެދެން، އެ ބޭފުޅުން އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން ހަމައެކަނި މިހާރު ކުރައްވާ ކަންތައް އެއީ ދޮގުހެދުން، އެ ނޫން އެއްވެސް ކަމެއް ނުކުރައްވާކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެކިއެކި ޒަރިއްޔާތަކުން އުފައްދައިގެން ހަމަ ބުހުތާނު ހުސް ދޮގުކަން ހަދަނީ. އެ ދޮގުތައް ހާމަކޮށްދިނުމަށްޓަކައި، މި ދެންނެވި ގޮތަށް ތެދު ހަގީގަތުން އެ ދޮގުތައް ހާމަކޮށްދިނުމުގެ މަސައްކަތް މިތާ ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް...،" ރައީސް ވިދާޅުވިއެވެ.

ހ. ވެޔޮވިލާ، އެމްޑީޕީގެ ހަރުގޭގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ބޭނުން ކުރުމަށްފަހު އެ ތަން ބަދަލުވީ ދަ ޑިމޮކްރެޓްސްގެ ހަރުގެއަށެވެ.

ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ހުއްޓި، މަސައްކަތް ފަނޑުވުމާއެކު މިހާރު އެ ތަން ބަދަލުވެގެން ގޮސްފައި ވަނީ ވެރިކަން ކުރާ ޕީއެންސީގެ ހަރުގެއަށެވެ.