24 Jun 2024, 13:48
ފުލުހުންގެ އެހީތެރިކަމާ އެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)އަށް ކަރަންޓު ދީ، އެ ތަނުގެ މަސައްކަތް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.
މަސްވެރިންނަށް ފައިސާ ދޫނުކުރާކަމުގެ ކަންބޮޑުވުން ބޮޑުވެ މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އިހުތިޖާޖުކުރަމުންނެވެ. މަސްވެރިން ވަނީ އޭއެފްސީން ކަރަންޓު ކަނޑާލައި، އެ ތަނުގެ މަސައްކަތް ވެސް ހުއްޓުވައިފައެވެ.
މިފްކޯއިން ބުނީ، އޭއެފްސީގެ އޮޕަރޭޝަން ފެށުމަށް ސައިޓަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ ފުލުހުންނާ އެކު މިއަދު މަޝްވަރާ ބައްދަލަވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ، މެންދުރު ފަހު ސައިޓަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި، އެ މަސައްކަތަ ގުޅޭ ތަފުސީލުތައް ލިބެމުން އަންނަ މިންވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައްޑޫ ފިޝަރީޒް ކޮންޕްލެކްސް---
މަސްވެރިން ކިރާ މަހަށް ފައިސާ ނުދޭތީ އައްޑޫ ސީޓީ މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އިހުތިޖާޖުކުރަމުންނެވެ. މި އިހުތިޖާޖުގެ ތެރެއިން އޭއެފްސީން ކަރަންޓު ކަނޑާލައި، އެ ތަނުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ވަނީ ޖެހިފައެވެ.
މިފްކޯއިން ބުނީ، މަސްވެރިން އިހުތިޖާޖުކުރާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް މަސްވެރިންގެ އިހުތިޖާޖަށް ހުރަހެއް އަޅަން ނިންމާފައިނުވާ ކަމަށެވެ.
އިއްޔެ އެކޮމަޑޭޝަނާއި، އެޑްމިން އިމާރާތާއި، މިސްކިތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑައިލާ ސިސްޓަމް ޝަޓްޑައުން ކޮށްފައިވާ ކަމަށާއި އެއާ އެކު މުވައްޒަފުންގެ ޒަރޫރީ ކަންކަމަށް ވެސް ހުރަސް އެޅިފައިވާ ކަމަށް މިފްކޯއިން ވަނީ މައުލޫމާތު ދީފައެވެ.
އޭއެފްސީގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް ކަރަންޓު ދިނުމުގެ މަސައްކަތް ރޭ ވެސް ފުލުހުން ކުރިއެވެ.
ޢީދު ބަންދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 90 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ފައިސާ ވެސް ދޫކޮށްފައިވަނީ މަސްވެރިން މާލޭގައި އިހުތިޖާޖުކުރި ފަހުންނެވެ.