24 Jun 2024, 15:00
ކުރިއަށް މިއޮތް އަންގާރަ އަދި ބުދަ ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑީރުގެ މޫސުން ލަފާކުރާ ގޮތާ ބެހޭގޮހުން މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ މެދުރާއްޖެ ތެރެއަށާއި ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މި ސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ މެދުރާޢްޖެ ތެރެއަށާއި އުތުރަށް އެވްރެޖް ގޮތެއްގައި ގަޑިޔަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނެއްގައި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑަކު 40 މޭލާއި 45 މޭލާއި ދެމެދު ބާރުމިނަކަށް ވައި ގަދަވާނެކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިހާރު ކުރަމުން މި ދަނީ މޫސުމީ ވިއްސާރައެއް ކަމަށް ބުނެ މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނަށް ވިއްސާރައިގެ އަސަރު އެހާބޮޑަށް ނުފޯރާނެ ކަމުގައެވެ.
އެ ސަރަހައްދުގެެ ކަނޑުތައް ވެސް މަޑުވާނެ ކަމަށާއި ރާޅުތަކުގެ އުސްމިން އުޅޭނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި މި ދުވަސްވަރު ކަނޑު ދަތުރުކުމުގައި މޫސުމަށް ހާއްސަ ސަމާލުކަން ދިނުމަށާއި މުދާ ބަރުކޮށްގެން ދަތުރުކުރުމުގައި ވެސް މޫސުމަށް ސަމާލުވުމަކީ މުހިއްމު ކަމެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.