25 Jun 2024, 01:03
ސަރުކާރުން އުޅެނީ މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ވިއްކާލަން ކަމަށާއި އެކަމާ މެދު ރައްޔިތުން އެއްގޮތަކަށް ވެސް ނުރުހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން މިރޭ ބޭއްވި ޖަލްސާއެއްގައި ޔާމީންވަނީ ގިނަ ދުވަސްތަކަކަށް ފަހު ޕޯޑިއަމްގައި، ރައްޔިތުންނާ މުޚާތަބުކޮށް، ދިގުކޮށް ވާހަކަފުޅު ދައްކަވާފައެވެ. މި ޖަލްސާގައި ޔާމީންވަނީ ސަރުކާރުން މާލޭގެ ޕޯޓު ވިއްކާލަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ޕޯޓު ވިއްކާލާފައި، އަޅުގަނޑުމެންގެ އެއާޕޯޓު ވިއްކާލާފައި، ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލާފައި ދެން ބާކީ އޮންނާނީ ރައީސް އޮފީހާއި ބޮޑު ދިދައާ. އެހެންވީމަ ކޯއްޗެއްތޯ ދެން އަންނަ ބަޔަކު ވެރިކަން ކުރަން ކޯއްޗެއްތޯ އޮތީ،" ޔާމީން ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ނެގި ލޯންތަކަށް ދައުލަތުގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް ރަހުނުކޮށްފައިވާ ކަމަށާއި އެ ތަންތަން އަދިވެސް ހުރީ ހަމަ އެ ގޮތުގައި ރަހުނުކޮށްފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި، ލޯނު ދޫކުރި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެން އެ މީހުން އަތުވެއްޖެ ނަމަ، ދިވެހި ސަރުކާރުން ޖެހޭނީ އެ ތަންތަން ދޫކޮށްލާށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް: ވިދާޅުވީ ޕޯޓު ވިއްކައިލަން ރައްޔިތުން އެއްގޮތަކަށް ވެސް ނުރުހޭނެ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެން މެނުވީ ދައުލަތުގެ ހަރުމުދަލެއް ނުވިއްކޭނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަކީ ބޮޑެތި މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅުއްވައިގެން ތިބި ބައެއްކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ ދައުލަތުގެ ހަރު މުދަލެއް ވިއްކާލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއީ ކުޑަ ކަމެއްގެ ގޮތުގައި ދެކިގެން ތިބުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ވަކި ވަރަކަށް އަޣުލަބިއްޔަތު އޮތަސް ޒިންމާދާރު ބަޔެއް. ގާނޫނު އަސާސީގެ މާއްދާތަކުގައި މިވަނީ ގައުމީ މަސްލަހަތަށް އިސްކަންދޭން، އެމީހުންގެ ޕާޓީއަކަށް ނޫން އިސްކަން ދޭން ޖެހޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ނިންމާފައި އޮތީ މާލޭ ކޮމާޝަލް ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބަނދަރު ގުޅީފަޅުގައި އެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުވާތީ ތިލަފުށީގައި ބަނދަރު އަޅަން ނިންމައިފައިވާކަން މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރައްވައިފައެވެ.
އެއީ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ނިންމަވައިފައި އޮތް ގޮތެވެ.
އެ ބަދަލު ގެނައިކަން އިއުލާންކުރި ފަހުން، ޔާމީން ވަނީ މި ސަރުކާރުން ބަނދަރު ބޭރު ކުންފުންޏަކަށް ވިއްކާލަން އުޅޭ ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރައްވައިފައެވެ.
އެ މަނިކުފާނު އެ ތުހުމަތު ކުރެއްވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިގު މުއްދަތަކަށް ހަވާލުކުރިއެވެ.
އޭރުގެ އިދިކޮޅުގައި އޮތް ޕީޕީއެމުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރި އެއް ކަމަކީ އެއީއެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވުމަށް ފަހުގައި ދެން އައި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ޖީއެމްއާރް އަތުން އެ އެއާޕޯޓު އަތުލިއެވެ.
އެ ސަރުކާރުން ޖީއެމްއާރު އެއްބަސްވުން އުވާލީ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު ބަދަލެއް ދެއްކުމަށް އާބިޓްރޭޝަނުން އެންގިއެވެ.
އެ އަދަދު ޖީއެމްއާރަށް ދައްކައި ޚަލާސްކުރީ ރައީސް ޔާމީންގެ ސަރުކާރުގައެވެ.
ސިޔާސީ ޕޯޑިއަމެއްގައި ޔާމީން މިރޭ ވާހަކަފުޅު ދެއްކެވީ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. ޔާމީން ގޭބަންދުގައި ހުންނެވިއިރު ވެސް، އެ މަނިކުފާނަށް ޝަރުތުކޮށްފައި އޮތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރުމާ އެކު އެ މަނިކުފާނު މިނިވަންވީ މިދިޔަ އޭޕްރީލް 18ގައެވެ.