25 Jun 2024, 11:00
ޔޫރޯ 2024 ގެ ގްރޫޕް ބީގައި ކްރޮއޭޝިއާ އާއި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކުޅުނު މެޗު އެއްވަރުވުމުން، ކްރޮއޭޝިއާ މުބާރާތުން ކަޓައިފިއެވެ.
ޖަރުމަނުގެ ލިޕްޒިގްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ގްރޫޕް ބީގެ ދެވަނަ އިޓަލީއަށް ވަނީ ޔަގީންވެފައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ކްރޮއޭޝިއާ މުބާރާތުން ކެޓީ ތިންވަނައިގައި ދެ ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ އެއްވަނަ ސްޕެއިން ހޯދިއިރު ފުލުގައި އޮތީ އަލްބޭނިއާ އެވެ.
ކްރޮއޭޝިއާ ލީޑުގައި ވަނިކޮށް އިޓަލީން ފަހުވަގުތު އެއްވަރުކުރި
މެޗުގެ ހާފު ނިމެން ދަނިކޮށް އިޓަލީއަށް ވަނީ ގޯލު ޖަހަން ރަނގަޅު ހުސް ފުރުސަތެއްވެސް ލިބި ބޭކާރުވެފައެވެ. މަޓެއޯ ރެޓެގީއަށް ދިން ބޯޅައަށް އޭނާ އަރައި، ފޮނުވާލި ހަމަލާ ކްރޮއޭޝިއާ ޑިފެންޑަރު މަތަކުރުމުން ލިބުނު ކޯނަރުގައި އިޓަލީން އުފެއްދި ހަމަލާގައި، އަލެސާންޑްރޯ ބަސްޓޯނީއަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ، އޭރިއާ ތެރެއިން ބޮލުން ޖަހާ ގޯލަށް ފޮނުވާލުމުން މަތަކުރީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗެވެ
ދެވަނަ ހާފުގެ ކުރީކޮޅުގައި ކްރޮއޭޝިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އަންދްރޭޖް ކްރަމަރިޗް ޖެހި ބޯޅަ ބަދަލަކަށް ނުކުތް ޑާވިޑޭ ފްރަޓޭސީ އަތުގައި ޖެހުމުން ރެފްރީ ވަނީ ވީއޭއާރް ބަލައި ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ލޫކާ މޮޑްރިޗް ފޮނުވާލި ނަމަވެސް، ޑޮނަރޫމާ ވަނީ އެ ބޯޅަ މަތަކޮށްފައެވެ.
ނަމަވެސް އޭގެ މިނެޓެއް ފަހުން މޮޑްރިޗް ވަނީ ކްރޮއޭޝިއާއަށް ލީޑު ނަގައިދީފައެވެ. އޭރިއާ ތެރެއިން ބުޑިމީރް ބޮލުން ފޮނުވާލި ހަމަލާ ޑޮނަރޫމާ މަތަކުރި ނަމަވެސް، މޮޑްރިޗް ވަނީ ރީބައުންސް ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށް ކްރޮއޭޝިއާއަށް ދެވަނަ ބުރުގެ އުއްމީދު ހޯދައިދީފައެވެ.
މި ގޯލާއެކު މޮޑްރިޗް ވެފައިވަނީ ޔޫރޯ މުބާރާތުގައި ގޯލު ޖެހި އެންމެ އުމުރުން ގިނަ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ގޯލް ޖެހިއިރު އޭނާގެ އުމުރަކީ 38 އަހަރާއި 289 ދުވަހެވެ.
އިޓަލީ ފަހު ސިކުންތަށްވެސް ދިޔައީ ހާސްކަމުގައެވެ. އެ ހާސްކަމުގައި އުޅެނިކޮށް، އިޓަލީއަށް މެޗު އެއްވަރުކުރެވުނީ އެންމެ ފަހު ސިކުންތުގައެވެ. އެޓީމަށް ގޯލު ޖަހައިދިނީ މަޓިއާ ޒަކަގްނީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ކަނުން ގޯލު ކަނަށް ފޮނުވާލި އެ ހަމަލާއިންނެވެ.