އައްޑޫ ސިޓީގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން އަންގަނީ، ކިރާފައިވާ މަހަށް ފައިސާ ދޭނެ ތާރީޚުތައް ބަޔާންކޮށް ލިޔުމުން ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާތީ, ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ކައިރީގައި މިދިޔަ ހުކުރު ދުވަހު ފެށި އިހުތިޖާޖުގެ ތެރެއިން، އެ ކޮމްޕްލެކްސްއިން ކަރަންޓު ކަނޑައިލައި މަސައްކަތް ވަނީ ހުއްޓުވައިފައެވެ.

މިފްކޯއިން މިއަދު ބުނީ އިއްޔެ މެންދުރުފަހު 2:00ގެ ފަހުން އޭއެފްސީއަށް ކަރަންޓު ދީފައިވާ ކަމަށާއި ނަމަވެސް އޮޕަރޭޝަންތައް ނުފެށޭ ކަމަށެވެ.

އެ ސަރަހައްދުގައި 13 އޮޑިއެއް އޮތް ކަމަށާއި އޭއެފްސީއަށް މުވައްޒަފުން ވަނުން ހުއްޓުވައި، މަސައްކަތް ނުފަށަން މަސްވެރިން ގޮވާލަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ، ފިޝަރީސް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް މިހާރު ހުޅުމީދޫގައި ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް މިފްކޯއިން ބުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި މަސްވެރިން ގޮވައިލާ ކަންތައްތަކުގެ ތެރޭގައި، ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ނުވަތަ ރައީސްގެ މަންދޫބެއް ވަޑައިގެން އެ މީހުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުން ހިމެނެއެވެ.

އޭއެފްސީ ހުންނަ ސަރަހައްދު މިވަގުތު އޮތީ ހަމައަކަށް އެޅިފައި ނަމަވެސް، ކާރުޚާނާގެ މަސައްކަތް ފަށައިފި ނަމަ މައްސަލަ ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން މިފްކޯއިން ފާޅުކުރިއެވެ.

މިނިސްޓަރު ޝިޔާމް ވަނީ ސަރުކާރުން މި ހަފުތާގައި އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރުން ކަމުގައި ވިދާޅުވެފައެވެ. އެކަމަކު، އެ ފައިސާ ދޫކުރެވޭނެ ސީދާ ތާރީޚެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ފައިސާ ނުދޭ މައްސަލައިގައި މީގެ ކުރިން މަސްވެރިން ކޫއްޑޫގައިއާއި މާލޭ ސަރަހައްދުގައި ވެސް އިހުތިޖާޖުކޮށްފައިވެއެވެ.

އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ސަރުކާރުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި އެ ފައިސާ ދޫކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.