ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭ ގޮތަށް އޮންނަ ލިމިޓު އުވާލަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ މިހާރު ރާއްޖޭގައި އޮތް ޑިމާންޑާ އެއްވަރަށް މަސައްކަތްތެރިން ނުލިބޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ 100،000 މަސައްކަތްތެރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)ގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު 96،000 އެއްހައި ބަންގްލަދޭޝް މަސައްކަތްތެރިން އެބަތިބި ކަމަށެވެ. އެހެންވެ، ބޯޑަރު ހުޅުވައިލުމާ އެކު 100،000 މަސައްކަތްތެރިންގެ ލިމިޓު ހަމަވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ވަގުތު ރާއްޖޭގައި އޮތް ލޭބާ ޑިމާންޑާއި ކުރިއަށް އޮތް ތަނުގައި މި ފޯކާސްޓްކުރާ ޑިމާންޑަށް ބަލާއިރު ބަންގްލަދޭޝްގެ އެއް ލައްކައިގެ ލިމިޓަކީ އެއީ އަޅުގަނޑުމެން ނަގަންޖެހޭ ލިމިޓެއް،" އިހުސާން ވިދާޅުވިއެވެ.

އެކަމަކު، އެ ގޮތަށް ބަދަލު ގެނެސް ލިމިޓު އުވައިލެވޭނީ ބައެއް ކަހަލަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ބިދޭސީންނަކީ 100 އިންސައްތަ ބަޔޯމެޓްރިކަލީ ޒިންމާދާރު ކުރުވޭނެ ބައެއްކަން ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގެ ބަދަލުގައި ވަކިވަކި ރަށްރަށުން ވެސް ވޯކް ޕާމިޓް ނަގަންޖެހޭ ގޮތް ހެދުމުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

"އޭނާ މޮބިލައިޒްކުރެވެން ޖެހޭނީ ސިސްޓަމް ތެރެއިން އެއިންނަ ރަށަކަށް އޭނާ އެލޮކޭޓުކުރުމަށް ފަހުގައި ކައުންސިލުން އެންޑޯޒްކުރުމުންނޭ. ސިސްޓަމަށް މިހާރު އެ ޑިވޮލޮޕްމަންޓު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މި ދަނީ ކުރަމުން،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން ހުއްޓުވާފައިވަނީ ގަވާއިދާ ހިލާފަށް އެ މީހުން މަގުމައްޗަށް ދޫކޮށްލާ މައްސަލަ ފެންމަތިވުމުންނެވެ. އެހެންވެ، އެ ބަދަލުތަކާ އެކު އެ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެހެންވެ، އަލުން ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ހުޅުވައިލާއިރަށް 100،000 މީހުންގެ ލިމިޓު ހަމަވާނެ ކަމަށާއި އެހެންވެ އެ އަދަދު އުވާލަންޖެހޭ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

"އަޅުގަނޑުމެން މަޖިލީހަށް ރިކޮމެންޑުކުރާނަން އެ ލިމިޓު ނަގައިދޭށޭ. އެކަމަކު، އެ ނަގައިދޭނީ މި ދެންނެވި ސޭފްގާޑްސްތައް އަޅުގަނޑުމެން އަޅާ ނިމުނީމާ،" އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން 100،000 ގެ ލިމިޓު ބާއްވައިގެން މި ވަގުތު ރާއްޖޭގައި އޮތް ޑިމާންޑަށް ކޭޓާކުރެވޭނެ ކަމަކަށް،"

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ، ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން އޮންނަ ލިމިޓު އުވައިލަންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު ވަނީ ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެނައުން މަނާކޮށްފައެވެ. އެކަމަކު، ވެރިކަން ބަދަލުވުމަށް ފަހު، މިދިޔަ ޑިސެމްބަރުގައި މި ސަރުކާރުން ވަނީ ބަންގްލަދޭޝްއިން އަންސްކިލް ލޭބަރުން ގެންނަން އަނެއްކާ ވެސް ހުޅުވާލައިފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ރާއްޖެއަށް ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެންނަން ދޫކުރާ ވޯކް ޕާމިޓްގެ ތެރެއިން އެކްޓިވް ޕާމިޓްގެ ގޮތުގައި މިހާރު ވެސް 135،149 ޕާމިޓު އެބަހުރި ކަމަށެވެ.

އެކަމަކު، ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެންނަން ހުޅުވާލީ ޑިސެމްބަރު 17، 2023ގެ ނިޔަލަށް ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު 90،624 ގައި ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، 100،000 އަށް އެރުމުން މަސައްކަތްތެރިން އިތުރަށް ނުގެނެވޭނެ ކަމަށް ވެސް އިހުސާން މީގެ ކުރިން ވިދާޅުވިއެވެ.

މިހާރު އެ އަދަދު ވަނީ 96،000 އަށް އަރައިފައެވެ.

ރާއްޖެއަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވާ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ، ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެންނަން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.