25 Jun 2024, 13:42
ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑޮލަރު ވިއްކާ އަދަދަށް ބަދަލު ގެނެސްފައިވާކަން އެ ބޭންކުން އަންގައިފިއެވެ.
ބީއެމްއެލްއިން ދަރިވަރުންނަށް ފޮނުވި ނޯޓިސްއެއްގައި ވަނީ، ބޭރަށް ބޭސްފަރުވާއަށާއި ކިޔެވުމަށް ދާ ދިވެހިންނަށް ބީއެމްއެލްއިން ޑޮލަރު ވިއްކަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގައިޑްލައިންތަކުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ގައިޑްލައިނަށް ބަދަލުގެނެސްފައިވާ ކަމަށާއި، އެހެންވެ، ދަރިވަރުންނަށް ވިއްކާ ޑޮލަރު ނުވަތަ ސްޓައިޕެންޑް ދޭ ގޮތަށް ވެސް ބަދަލުގެނެސްފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ މީގެ ފަހުން ސްޓައިޕެންޑްގެ ގޮތުގައި ޑޮލަރު ވިއްކާނީ، މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓައިޕެންޑް ރޭޓާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެ ރޭޓުތައް އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، އެޑްވާންސްކޮށް ސްޓައިޕެންޑް ދޭނީ ގިނަވެގެން ތިން މަހަށް ކަމަށް ވެސް ނޯޓިސްގައިވެއެވެ.
މީގެ ކުރިން ބީއެމްއެލްއިން ސްޓައިޕެންޑް ދެނީ، މަހަކަށް 1،000 ޑޮލަރުގެ މަގުންނެވެ. ނަމަވެސް މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ބައެއް ގައުމުތަކަށް ކަނޑައަޅައިފައިވާ ރޭޓު އެއަށްވުރެ ދަށެވެ. އޭގެ ތެރެއިން ދިވެހި ދަރިވަރުން ގިނަ ގައުމުތައް ހިމެނެއެވެ. އެގޮތުން:
ބަންގްލަދޭޝް 400 ޑޮލަރު
- އިންޑިއާ 440 ޑޮލަރު
- މެލޭޝިއާ 1960 ރިންގިޓް (416 ޑޮލަރު)
- ލަންކާ 450 ޑޮލަރު
ބޭންކުން މި ބަދަލުގެނެސްފައިވަނީ، ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި އަގު އުފުލިފައި އޮންނަތާ ދުވަސްތަކެއްވީ ފަހުންނެވެ.
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.
މީގެ އިތުރުން އެ ބޭންކުގެ ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތުގެ އަދަދު ވެސް ލިމިޓުކޮށްފައިވާއިރު، މި ސަރުކާރުން ލިމިޓު ބޮޑު ކުރަން ނިންމި ނަމަވެސް، ޑޮލަރު ނުލިބުމުން އެ ބަދަލު ގެނެވިފައިނުވެއެވެ.