25 Jun 2024, 13:48
މާލޭގައި މިހާރު ޑުރަގު އައްޑާގެ ގޮތުގައި 50 އަށްވުރެ ގިނަ ތަންތަން އެބަހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ތަންތަން ހަދާފައި ހުރީ ސަރުކާރުގެ އިމާރާތްތަކުގައި ކަމަށް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ޑުރަގުގެ މައްސަލަ ބޮޑުވެފައިވާއިރު، މަސްތުވެގެން މަގުމަތީ ތިބޭ މީހުންގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)ގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑާގެ ގޮތުގައި މިހާތަނަށް 50 އަށްވުރެ ގިނަ ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އާންމު ފަރާތްތަކުގެ އިމާރާތްތައް އެބަހުރި. މީގެ ތެރޭގައި ގިނައީ ވެކޭންޓްކޮށް ހުންނަ ތަންތަން ފަޅު ގެތައް ގޮތުގައި ހުރި ތަންތަން،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެގޮތަށް ޑުރަގު އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދެނެގަނެ، އެ ތަންތަނުގެ ވީޑިއޯ ވެސް ފުލުހުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި، އެ ތަންތަނުގެ ތެރެއިން އަމިއްލަ މީހުންގެ ތަންތަނަކީ ކޮބައިތޯއާއި ސަރުކާރުގެ އިމާރާތްތަކަކީ ކޮބައިތޯ ވެސް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުގެ ތިން ޕްރޮޕަޓީއެއް [ޑުރަގު އައްޑާ ހަދާފައި ހުރީމާ] މިހާރު ތަޅާލަން އަޅުގަނޑުމެން ވާނީ ހުއްދައަށް އެދިފައި،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަމިއްލަ މީހުންގެ ގޭގޭގައި ހަދާފައި ހުރި ޑުރަގު އައްޑާތައް ބަންދުކުރަން ވެސް އެ މީހުންގެ ކިބައިން ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައަށް ވެސް ދާއިމީ ހައްލެއް ގެނެވޭނީ ޑުރަގުގެ ސަޕްލައި ދަށްކުރެވުމުން ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ. މަޖިލީހުގެ އެއްބާރުލުމާ އެކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ވެސް މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ހުއްޓުވަން ފުލުހުން އޮޕަރޭޝަނެއް ފެށިއެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ފުލުހުންނަށް އައްޑާތަކުގެ ގޮތުގައި ފާހަގަކުރެވުނު ތަންތަނަށް ވަދެގަނެ، އެ ތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އަދި، ބައެއް އައްޑާތައް ކައިރީގައި ފުލުހުން ޑިއުޓީ ވެސް ކުރިއެވެ.
ފުލުހުން އަލަށް އިފުތިތާހުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޑުރަގުގެ މައްސަލަ ހައްލުކުރާށެވެ.