27 Jun 2024, 01:04
އެންމެ މީހެއްގެ ވިސްނުމާއި ފިކުރުގައި ހުރިހާ ކަމެއްވާން އިދިކޮޅު އެމްޑީޕީގައި ދެން ފުރުސަތެއް ނޯންނާނެ ކަމަށާއި ދެން އެ ޕާޓީއާ ގުޅޭ ބޭފުޅުން ވެސް ބައިވެރިވާންވީ އެ ވިސްނުމުގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.
ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެކުގައި ކުރިއަށްދާން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ދަ ޑިމޮކްރެޓްސްއަށް ދައުވަތު ދެއްވާފައެވެ. އެ ގޮތުން ޞާލިޙު ދެއްކެވި ވާހަކަފުޅު ހިއްސާ ކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ އެއްގޮތަށް ކުރިއަށް ދެވޭނެކަމުގެ އުންމީދުކުރައްވާ ކަމަށް މިއަދު ވިދާޅުވެފައެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މި ކަމާ ގުޅިގެން މިރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔުއްވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއަށް މިހާރު އޮތީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ޑިމޮކްރެޓްސްއާ އެއްކޮށް މަސައްކަތް ކުރުމަކީ އަދި ކޮންމެހެންނެއް، އެ ބޭފުޅުން މި ޕާޓީއަށް އައުމެއް ވެސް ނޫން. އެއްކޮށް މަސައްކަތް ކުރުމަށް ވެސް ހުރިހާ ދޮރެއް ހުޅުވިފައި ހުރީ. ވާހަކަ ދެކެވޭނެ ފުރުސަތު އެބަ އޮތް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ޞާލިޙާއި ނަޝީދު މިއަދު މީޑިއާގެ ތެރެއިން ވާހަކަ ދައްކަވައިގެން ފާޅުކުރެއްވި ޚިޔާލުތަކާ މެދު އެއްވެސް އިރެއްގައި އެމްޑީޕީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ކޮންމެ އަގެއް ދައްކައިގެން ވިޔަސް އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރުން ނޫންކަމަށާއި، އެކަން ވެސް ވާނީ ގަބޫލު ކުރާ ހަމަތަކެއްގެ މަތީން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް
"މިސާލަކަށް މާދަމާ ވެސް ބަރުލާމާނީ ނިޒާމަށް ތާއީދުކޮށްގެންނޭ ތިމަންނާމެން އަންނާނީ، އެއަކަށް އަދި އަޅުގަނޑުމެންނަކަށެއް އެއްބަހެއް ނުވެވޭނެ،" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީ ދެބައިވެގެން ދިޔައީ ނަޝީދާއި ޞާލިޙާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. އެމްޑީޕީ ފެށުނީއްސުރެ އޭރު ލީޑް ކުރައްވަމުން ގެންދެވި ނަޝީދު ބޭނުންފުޅުވީ ޞާލިޙްގެ ވެރިކަމުގެ ވަކި ހިސާބަކުން ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އެ މަނިކުފާނު ބޮޑުވަޒީރަކަށް ވަޑައިގަންނަވާށެވެ.
ނަމަވެސް، ޞާލިޙް އެ ފުރުސަތެއް ނުދެއްވިއެވެ. އެއާއެކު ތަފާތު އެކިއެކި މައްސަލަތައް ޖެހެމުންގޮސް ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ އެކު ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންނާއި އާއްމުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ.