ސްވިޒަލެންޑް ޓީމުގައި ޒަކާ ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމުގެ އެންމެ މޮޅު ކުޅުން ދެއްކިއްޖެނަމަ ރަނގަޅު ވާދައެއްކޮށް މެޗު ކާމިޔާބުކުރެވޭނެ ކަމަށް އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްޕަލެއްޓީ ބުނީ އޭނާގެ ޓީމުން މިހާތަނަށް ދައްކާފައިވާ ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި އިޓަލީގެ އެންމެހާ ރައްޔިތުން ފަޚުރުވެރިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައެވެ.

މިހާތަނަށް ކުޅުނު މެޗުތަކުގައި އިޓަލީގެ ފަރާތުން ފެންނަންޖެހޭ ކުޅުން ފެނިފައިވާ ނުވާ ކަމަށާއި، ނުވަތަ އެކަން ކުރެވުނީ މަދު ވަގުތުކޮޅަކަށް ކަމަށް ވެސް ވެދާނެ ކަމަށް ސްޕަލެއްޓީ ބުންޏެވެ. އަދި ކުރިއަށް އޮތީ ނޮކްއައުޓް މެޗަކަށްވުމުން ގްރޫޕް ސްޓޭޖުގެ މެޗުތަކާ ހިލާފަށް، ކުޅުންތެރިން ހަމަޖެހިލައިގެން ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ސްޕަލެއްޓީ ބުންޏެވެ.

މުބާރާތުގެ ގުރުއަތުލުމުގައި އޭނާގެ ޓީމު ހިމެނުނީ އުނދަގޫ ގްރޫޕެއްގައި ކަމަށްވުމުން އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ސްޕަލެއްޓީގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއަންލުއިޖީ ޑޮންނަރުއްމާ ބުނީ ސްވިޒަލެންޑުން ކުޅެނީ އެގްރެސިވްކޮށް ކަމަށާއި، އޭނާގެ ޓީމުން ހެދޭ ގޯސްތައް ވީހާވެސް މަދުން ކުރަންޖެހޭނެ ކަމަށެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި އިޓަލީއާ ސްވިޒަލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު މިހާރު އަންނަނީ ކުޅެމުންނެވެ.