02 Jul 2024, 22:08
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި މިއަދު އޮތް ހިންދޫ ދީނީ އެއްވުމެއްގައި ފިތިގެން 116 މީހަކު މަރުވެއްޖެއެވެ.
އުއްތަރަ ޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓުގައި ހިނގި ހާދިސާގެ މަންޒަރު ދުށް މީހަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އެއްވުމުގައި ދަރުސް އިއްވައި ނިމުމުން މީހުން އެ ސަރަހައްދުން ދާން ދުއްވައިގަތީއެވެ. އެ ވަގުތު ބައެއް މީހުން ވެއްޓި، އިތުރު މީހުން ފިތިގެން މަރުވީ ކަމަށް އޭނާއާ ހަވާލާދީ އެ ނޫހުގައިވެއެވެ.
އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި އެ އެއްވުން ބޭއްވި ތަނަށް، ހުއްދަ ދީފައިވާ އަދަދަށް ވުރެ ގިނަ މީހުން ތިބީ އެއްވެފައެވެ.
އެ ސަރަހައްދުން ނަގައިފައިވާ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، ގިނަަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން އުޅަނދުތަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެއެވެ.
އެ ހާދިސާގައި މަރުވި މީހުން ދެނެގަނެ، އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުން ވަނީ އެ ހަރަކާތް އިންތިޒާމު ކުރި މީހުންނާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާކޮށް ބަލަން ފަށާނެ ކަމަށް ބުނެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތު ވަނީ އެ ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ ރުޕީސް (36,893 ރުފިޔާ) މާލީ އެހީގެ ގޮތުގައި ދޭނެކަން އިއުލާންކުރައްވައިފައެވެ.
އިންޑިއާގައި ބާއްވާ ދީނީ ހަރަކާތްތަކުގައި ގަވާއިދުތަކާ ޚިލާފަށް، އެއް ތަނަކަށް އެއްވާން ޖެހޭ މިންވަރަށް ވުރެ އިތުރަށް މީހުން އެއްވުމުން މީގެ ކުރިން ވެސް މިފަދަ ހާދިސާތާއް ހިނގާފައި އެބަހުއްޓެވެ.