04 Jul 2024, 22:24
ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުން ފާސްވެ، ކިޔެވުން ފުރިހަމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ބުނީ، ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުން ފާސްވުމަކީ އެ ޔުނިވާސިޓީއަށާއި ރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
އެ ބެޗުގެ ހުރިހާ ދަރިވަރުން ފާސްވުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބިއްޖެކަން ފާހަގަކޮށް އެމްއެންޔޫއިން ބުނީ، އެކަމާމެދު އެ ޔުނިވާސިޓީން ފަޚުރުވެރިވާ ކަމަށެވެ. އަދި، އެމްއެންޔޫއިން ވަނީ އެ ދަރިވަރުންނަށް މަރުހަބާ ކިޔައިފައެވެ.
އެމްއެންޔޫއިން މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ ކަމަށްވާ ކެބެންސާންއާ ގުޅިގެން ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައި ދޭން ފެށީ 2018އިގައެވެ.
އެ ދަރިވަރުންގެ ސާޖަރީ މޮޑިއުލް އައިޖީއެމްއެޗްގައި ހަދާފައިވާއިރު، އޭޑިކޭ ހޮސްޕިޓަލުގައި ވެސް ދަރިވަރުންގެ އަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ކޯހުގެ ފީއަކީ މަހަކަށް 1000 ޑޮލަރެވެ. ނަމަވެސް، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދެއެވެ.