04 Jul 2024, 23:49
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމް ހައްޔަރުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ކައުންސިލުން ހިންގި ކޮރަޕްޝަނުގެ އަމަލުތަކެއްގެ ހެކި ގެންގުޅޭތީ ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވާހަކަދައްކަވައިފިއެވެ.
ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުގެ އިތުރުން ބޭރު ގައުމުތަކުގެ މީޑިއާތަކުގައި ވެސް ޝަމްނާޒްގެ މައްސަލައިގެ ވާހަކަ ރިޕޯޓުކުރަމުން އަންނަ ކަމަށެވެ.
ޝަމްނާޒް ހައްޔަރުކުރީ ރައީސަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ފެތުރިފައިވާއިރު، އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހުމަށްފަހު، މިދިޔަ ހޯމަ ދުވަހު ވަނީ އިތުރު ހަތް ދުވަސް ޖަހައިފައެވެ.
"ޗައިނާގެ މީޑިއާ، އިންޑިއާ މީޑިއާ ރަޝިއާ މީޑިއާ މި ހުރިހާ ތަނެއްގައި މި ވާހަކަ ހިނގައިފި، މި ހުރިހާ ކަމެއް ވީމަ ރައީސް އޮފީހުން މި ބުނަނީ މިއީ މުލިއާގެއިން ފޮނުވި މައްސަލައެއް ނޫނޭ. އެކަމު މީގައި މި އިންވޯލްވް ވަނީ ރައީސްގެ ވާހަކަ މިއަންނަނީ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު އިޝާރާތް ކުރެއްވީ، ޝަމްނާޒާއި އިތުރު ދެ މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ފުލުހުން ތަހުގީގުކުރާ މައްސަލައާ ގުޅިގެން ރައީސާއި އެމަނިކުފާނުގެ އާއިލާއިން އެފަދަ އެއްވެސް މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ވިދާޅުވުމަށެވެ.
ޝަމްނާޒަކީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ކައުންސިލަރެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އޭނާއަކީ ރައީސްގެ ވަރަށް އަރިސް ބޭފުޅެއް ކަމަށެވެ.
"ދެން އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބެނުންވާ އެއް ވާހަކައަކީ ރައްޔިތުންނަށް މިހާރު ކޮންމެވެސް ހިސާބަކުން އެބަ ހަގީގަތް ކިޔައިދޭން ޖެހެޔޭ މިއީ ކިހިނެއްވެގެންކަން [މައްސަލަ ހިނގީ] މައްސަލައެއް ނުއުފެދޭނެއޭ މައްސަލައެއް އުފެއްދިއްޔާ ނޫނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ފުލުހުން އެފަދަ މައްސަލައެއް އަމިއްލައަށް އިސްނަގައިގެން ނުބަލާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ގުޅިފައިވަނީ ރައީސްގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލުން ހިންގި ކޮރަޕްޝަނުގެ އަމަލަކާތޯ ހިތަށްއަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ ކޮރަޕްޝަނުގެ ވާހަކަ ވަރަށް ގިނައިން އަޑު އިވޭ ކަމަށާއި އޭގެ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފައި އޮތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ ފަހަރުގައި ވެދާނެތޯ ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގަފައި ހުރި ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޕެންޑްރައިވެއް މީނަ އަތުގައި އޮތީމަ އޭނާ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީ [ކަމަށް]،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސިހުރުގެ މައްސަލައިގައި ޝަމްނާޒްއާއެކު އޭނާގެ ކޮއްކޮ ސަނާ ސަލީމާއި 58 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ސަނާގެ ވެސް ބަންދުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު އިތުރު ކޮށްފައިވާއިރު ފިރިހެން މީހާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.