މެލޭޝިއާގެ ކުއާލަލަމްޕޫރު ބައިނަލްއަގުވާމީ އެއާޕޯޓުގެ އެއާކްރާފްޓް އިންޖިނިއަރިން ފެސިލިޓީއެއްގައި ކެމިކަލް ލީކުވެ، 20 މީހުންނަށް އޭގެ އަސަރުކޮށްފިއެވެ.

ކެމިކަލްގެ އަސަރުކުރި މީހުން ވަނީ ބޯ އެނބުރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އެއާޕޯޓު ފަޔާ ޑިޕާޓްމަންޓުން ބުނެއެވެ. ނަމަވެސް، އެ ހާދިސާގެ އިތުރު ތަފުސީލެއް ދީފައެއްނުވެއެވެ.

ކެމިކަލްގެ އަސަރުކުރި މީހުންނަކީ އެއާޕޯޓުގައި މަސައްކަތްކުރާ މީހުންނެވެ.

ސަދަން ސަޕޯޓް ޒޯން ސެޕަންގް އެއާކްރާފްޓް އިންޖިނިއަރިން ފެސިލިޓީގައި އެ ހާދިސާ ހިނގައިގެން އުޅޭކަން ފަޔާ ޑިޕާޓްމަންޓަށް ރިޕޯޓުކޮށްފައިވަނީ މެލޭޝިއާ ގަޑިން އިއްޔެ ހެނދުނު 11.23 އެހާކަންހާއިރު ކަމަށާއި އެއާ އެކު އެކަން ހައްލުކުރުމަށް މީހުންނާއި ސާމާނު ފޮނުވައިފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ނަމަވެސް އެއާޕޯޓްގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.