05 Jul 2024, 11:18
ބޮޑު ތަފާތަކުން އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމުން ލޭބާ ޕާޓީއާއި އެ ޕާޓީގެ ލީޑަރު އަދި އިނގިރޭސި އާ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ލޭބާ ޕާޓީން ވަނީ އިނގިރޭސި އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކިއާ ސްޓާމާގެ ބޮޑުވަޒީރު ކަމުގައި އެ ގައުމަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށް ޝައްކުނުކުރައްވާ ކަމަށެވެ. އަދި، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން މަރުހަބާ ވިދާޅުވެ، އެކުގައި މަސައްކަތްކޮށް، ގައުމީ މައްސަލަތައް ހައްލުކުރުމުގައި އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށީ އިއްޔެ ރާއްޖެ ގަޑިން ހެނދުނު 11 ޖެހީއިރުއެވެ. ވޯޓު ފޮށިތައް ބަންދުކުރީ ރާއްޖެ ގަޑިން މެންދަމު 2 ޖަހާއިރެވެ.
އާންމު އިންތިޚާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ނުވަތަ ހައުސް އޮފް ކޮމަންސްގެ 650 މެންބަރުން އިންތިޚާބުކުރާއިރު ލޭބާ ޕާޓީން ވަނީ 400 އަށްވުރެ ގިނަ ގޮނޑި ކަށަވަރުކޮށްފައެވެ. އެހެންވެ، އިނގިރޭސި އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވާނީ ސްޓާމާކަން ވަނީ ޔަގީންވެފައެވެ.
އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ލޭބާ ޕާޓީން ވަނީ 402 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. މިހާރު ސަރުކާރުގައި އޮތް ކޮންޒަވޭޓިވް ޕާޓީއަށް ކާމިޔާބުކުރެވުނީ 110 ގޮނޑިއެވެ. އަދި، 68 އަށްވުރެ ގިނަ ގޮނޑިއާ އެކު ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ލިބެރަލް ޑިމޮކްރެޓްސް ޕާޓީންނެވެ.
ޓޯރީސްގެ ނަމުން ވެސް ނަންދެވިފައިވާ ކޮންޒަވޭޓިވް ޕާޓީއަކީ ކާނާތު ފިޔައިގެ ޕާޓީއެކެވެ. އެ ޕާޓީން އާންމު އިންތިޚާބުގައި ވާދަކުރެއްވީ މިހާރުގެ ބޮޑު ވަޒީރު ރިޝީ ސުނާކެވެ.
ލޭބާ ޕާޓީއަކީ ވާއަތު ފިޔައިގެ ޕާޓީއެކެވެ. އެ ޕާޓީގެ އިސްވެރިޔަކީ ކޭއާ ސްޓާމައެވެ. އެ ޕާޓީން އެންމެ ފަހުން ވެރިކަން ކުރީ 1997 އިން 2010 އާ ދެމެދުއެވެ. އޭރުގެ ބޮޑު ވަޒީރަކީ ޓޯނީ ބްލެއާއެވެ.