އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒުގެ ހާލު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

ސިއްހީ މައްސަލަތަކެއް ހުރުމުން އޭނާއަށް ޓްރީޓޮޕްގައި ފަރުވާދޭން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް, ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ފަރުވާދިނުން ބަދަލުކޮށްފައެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ފަރުވާއަށް ފަހު ރިޔާޒްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ރިޔާޒް ވަނީ ކެނެޑާގައި ތައުލީމު ހާސިލްކުރައްވާ ގްރެޖުއޭޓުވެފައެވެ. އަދި, ފުލުހުންގެ ޚިދުމަތާ ގުޅި، ވަރަށް ގިނަ މައްސަލަތަކެއް ތަހުގީގުކޮށްފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޔާޒަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ސެޕްޓެމްބަރު 2017 ގައި އޭނާ ފުލުހުންގެ ޚިދުމަތުން ވަކި ކުރިއެވެ.

ފުލުހުންގެ ޚިދުމަތުން ރިޔާޒް ވަކިކުރީ ގޯސްކޮށް ކަމަށް ޑިސެމްބަރު 2018 ގައި ނިންމާ ކޯޓުން ވަނީ އަލުން އޭނާއަށް ވަޒީފާދޭން ހުކުމްކޮށްފައެވެ. އެއާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި މާޗު، 2019 ގައި ވަނީ ރިޔާޒް އެސިސްޓެންޓު ކޮމިޝަނަރުކަމަށް އައްޔަންކުރައްވައިފައެވެ.

ރިޔާޒް ވަނީ ކުރީގެ ރައީސް ޔާމީނާ މެދު ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.