05 Jul 2024, 12:11
ހަކުރުބައްޔަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތަހަންމަލުކުރާ ބައްޔަށް ވީއިރު، އެ ބަލި ތަހަންމަލުކުރާ 21 ކުޑަކުދިން އެބަތިބި ކަމަށާއި އެއީ ރަތް ސިގްނަލެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮންމެ 10 މީހަކުން އެކަކަކީ ހަކުރުބަލި ތަހަންމަލުކުރާ މީހެކެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ހަކުރުބައްޔަމީ މި ވަގުތު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތަހަންމަލުކުރަމުންދާ އެއް ބަލި ކަމަށެވެ.
އެ ގޮތުން،
ކޮންމެ 10 މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް2 ތަހަންމަލުކުރާ މީހެއް
- ހަކުރުބަލީގެ ޓައިޕް1 ތަހަންމަލުކުރާ 21 ކުޑަކުދިން އެބަތިބި

މެޑަމް ސާޖިދާ: އެ ކަމަނާ ވިދާޅުވީ ހަކުރުބައްޔާ މެދު ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"ރާއްޖޭގެ ނިސްބަތުގައި މިއީ އަޅުގަނޑުމެންގެ ސަމާލުކަން ވަރަށް ބޮޑަށް ދޭންޖެހޭނެ އަދަދެއް. ހަކުރުބައްޔަކީ ސަލާމަތް ސިއްހަތު ވަރަށް އަވަހަށް ހަލާކުކޮށްލާ ބައްޔެއް،" މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
ސިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ފަސްޓް ލޭޑީ ވިދާޅުވީ، ހަކުރުބަލީގެ ޝިކާރައަކަށް ނުވެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން، މައިގަނޑު ތިން ކަމެއް ކުރެވިދާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އެ ގޮތުން ފާހަގަކުރެއްވި ކަންކަމަކީ:
ހަކުރުބައްޔާ ބެހޭ މައުލޫމާތު އަމިއްލައަށް ހޯދުން
- ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކޮށް އަމިއްލައަށް އިސްލާހުކުރުން
- ހަކުރުބަލީގެ ވޭން ތަހަންމަލުކުރަން ޖެހިފައިވާނަމަ ބަރާބަރަށް ފަރުވާ ހޯދައި، ފަރުވާތެރިކަން ބެހެއްޓުން

މެޑަމް ސާޖިދާ: އެ ކަމަނާ ވިދާޅުވީ، ހަކުރުބަލިން ރައްކާތެރިވުމަށް މަސައްކަތްކުރަންޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"އަޅުގަނޑުމެންގެ ދަރީންނަށް އިންޓަވަލް ދޭއިރު، ޕާޓީ ބާއްވާއިރު، އާއިލީ ބައްދަލުވުންތައް ބާއްވާއިރު މި ފަދަ ކަންކަމަށް ފަރުވާތެރިވުން. ކަސްރަތުކުރުން ފަދަ ރަނގަޅު އާދަތައް ދެމެހެއްޓުން،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، މުޖުތަމައު ހޭލުންތެރިކުރެވިއްޖެ ނަމަ އަދި، ހަކުރުބަލިން ރައްކާތެރިވުމުގައި އަމަލީ ބަޔަކަށް ވެއްޖެ ނަމަ، ފެންނަ ނަތީޖާ އުފާވެރިވާނެ ކަމަށެވެ.
މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކުގެ ފޮތެއް ވެސް މި ޙަފުލާގައި ވަނީ ނެރެފައެވެ.