16 Jul 2024, 08:56
ލިމްޔާ ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. ނަފީސާ ކުރި ސުވާލަށް އެއްބަސްވުމުގެ ގޮތުން، ޔަލްވީ ބޯޖަހާލި މަންޒަރު އޭނާއަށް ރީތިކޮށް ފެނުނެވެ. ލިމްޔާގެ ހިތް އެކީ ކުދިކުދިވެގެން ދިޔައެވެ. ރަޔާން އެފަދަ ކަމެއް ނުކުރާނެއެވެ. އެ ޔަގީންކަން ލިމްޔާއަށް އޮތެވެ. އެކަމަކު، ޔަލްވީ ރަޔާންގެ ބޮލުގައި އެވަރުގެ ތުހުމަތެއް އަޅުވަނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ނަފުސާއި ގަދަރަށް ވެސް ޔަލްވީ ވިސްނާ ނުލަނީ ހެއްޔެވެ؟ ލިމްޔާ އޭނާގެ އަތުގައި އޮތް ކޮތަޅުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ.
********
"އަނެއްކާ ރަޔާން..." ލިމްޔާގެ ހިތަށް އެރި އެއްޗަކުން ސިކުނޑި ސުމަކަށް ދާވަރުވިއެވެ.
ފުލުހުން ރަޔާން ހައްޔަރުކުރީ ހެއްޔެވެ؟ އެހެންވެއްޖެނަމަ، އޭނާ ޔަލްވީއަށް ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. ރަޔާން ސަލާމަތްކުރުމަށް ލިމްޔާ ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. ޔަލްވީގެ ބަހުގެ ދޮގުކަން އެންމެންގެ ކުރިމަތީގައި ހާމަކުރަންވެސް ފަސްނުޖެހޭނެއެވެ. ޔަލްވީއަކީ ލިމްޔާގެ މަންމަގެ ގާތް އެކުވެރިއެއްގެ ދަރިއަކަށްވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ.
"ދަރިފުޅު ތިވާހަކަ ޕޮލިހުން ކައިރީ ބުނިންތަ؟" ކެތްނުކުރެވިގެން ނިމާލު އަހައިލިއެވެ.
ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. އަޑު އިވޭ ހިސާބުގައި ނިމާލު ހުރިކަން ޔަލްވީއަށް ނޭނގުނީއެވެ. ޔަލްވީގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔަލްވީ ބުނާހާ ގޮތެއް ހަދައިގެން ނަފީސާ ހުއްޓަސް، ނިމާލު ނުހުންނާނެކަން އޭނާއަށް އެނގެއެވެ. ރަޔާންގެ ފަރާތުން ބަދަލު ހިފުމަށް ކުރެވުނީ ރަނގަޅު ކަމެއް ބާއޭ ޔަލްވީގެ ހިތަށް އެރިއެވެ. ފުލުހުންނަށް އެނގޭ ހިސާބުން ތަހުގީގު ފެށޭނެއެވެ. ޔަލްވީ ހެދި ދޮގު ފަޅާއަރާނެއެވެ.
"ނޫން..." ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޔަލްވީ ބުނެލިއެވެ.
ޔަލްވީގެ އަތްފައި ފިނިވަމުން ދިޔައީ ބައްޕަ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީއެވެ. ޔަގީނުންވެސް ނިމާލު މަޑަކުން ނުހުންނާނެއެވެ.
"ނަފީސާ! އަހަރެން މިދަނީ ޕޮލިހަށް، މިމައްސަލަ ރިޕޯޓުކުރަންޖެހޭނެ. އެކަހަލަ ނުބައި މީހަކު މި މުޖުތަމައުގެ ތެރެއަށް ދޫކޮށްލެވިގެން ނުވާނެ" އެންމެ ވަގުތުކޮޅަކުވެސް މަޑުކުރާކަށް ނިމާލު ބޭނުމެއް ނުވިއެވެ.
ހުރި ހަމައެކަނި ދަރިފުޅަށް ހިމާޔަތާއި ރައްކާތެރިކަން ދީގެން ގެންގުޅުމުންވެސް އާހިރުގައި ލިބުނު ނަތީޖާ ހިއްޗެވެ. ކުރި މަސައްކަތް ފަނުފުލުން ދިޔައީއެވެ. ލޯބިން ގެންގުޅުނު ދަރިފުޅުގެ މުސްތަގުބަލު ރަޔާންގެ ސަބަބުން ހަރާބުވެގެން ދިޔައީ އެންމެ ދުވަހަކުންނެވެ.
"ނޫން ބައްޕާ. ޕޮލިހަށް ނާންގާތި! އަޅުގަނޑު ބޭނުމެއް ނޫން ޕޮލިހަށް އަންގާކަށް" ޔަލްވީ ރޯންފެށީ ހެދި ދޮގު ފަޅާއަރާފާނެތީ ކަންބޮޑުވީ ވަރުންނެވެ.
"މީ ދޫކޮށްލާ ކަހަލަ ކަންކަމެއް ނޫނެއްނު ދަރިފުޅާ! މާދަން ނޫންކަމެއް ނޭނގެ އެހެން މީހެއްގެ ދަރިއެއްގެ ދުވަސް ދުއްވާނުލާނީ. އެކަހަލަ މީހުންނަށް ވާނެ ރަނގަޅު އަދަބެއް ދޭން" ޔަލްވީގެ ބޮލުގައި ފިރުމައިލަމުން ނަފީސާ ވާހަކަ ދެއްކިއެވެ. އޭނާ މަސައްކަތް ކުރީ ދަރިފުޅަށް ވިސްނައިދެވޭތޯއެވެ.
"އޭރުން ހުރިހާ ހަޑި ނަމެއް ލިބޭނީ އަޅުގަނޑަށޭ. މީހުން ކިހާ އެއްޗެއް ކިޔާނެ. އޭރުން އަޅުގަނޑަށް އިންނާނެ މީހަކުވެސް ނުވާނެ. ރައްޓެހިވާނެ މީހަކުވެސް ނުވާނެ" ނިމާލު ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޔަލްވީ ބޭނުންވިއެވެ.
"ބައްޕައަށް އެކަހަލަ މީހަކު ދޫކޮށެއް ނުލެވޭނެ" ނިމާލު ފަހުބަސް އިއްވިއެވެ.
"ޕްލީޒް ބައްޕާ. އެހެންނޫނީ އަޅުގަނޑު އަމިއްލައަށް މަރުވާ...." ޔަލްވީއަށް އޭނާ ބުނަށް އުޅުނު ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
ނިމާލު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔަލްވީގެ ކޯތާފަތްމަތީގައި ޖެހިއެވެ. ބައްޕަގެ އެއަމަލުން ޔަލްވީއަށް ސިހުން ލިބުނުއިރު، ބިރެއް ފެނުމުން ތެދުވާހެން ނަފީސާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ކޯތާފަތުގައި އަތް ޖައްސާލައިގެން ޔަލްވީ އިނީ ޖެހި ބުދެއް ހެންނެވެ.
"ނިމާލު!.." ކަރުނައިން ފުރެމުންދިޔަ ދެލޮލުން ނަފީސާ ނިމާލަށް ބަލައިލިއެވެ.
އެ ނޫނީ ދުވަހަކުވެސް ނިމާލު އެފަދަ ކަމެއް ކޮށްފައި ނުވެއެވެ. ނަފީސާއަށް ކުށްވެރިކުރެވުނީ ނިމާލެވެ. ޔަލްވީ އެވަރުގެ ހިތާމައެއްގައި ވަނިކޮށް އަތް އިސްކޮށްގެން ނުވާނެއެވެ. އޭރުން ދަރިފުޅަށް ދެވޭނީ އިތުރު އަނިޔާއެކެވެ. އަތް އިސްކުރެވުނީތީ ނިމާލުވެސް ހުރީ ދެރަވެފައެވެ. އެކަމަކު، ދަރިފުޅުގެ ދުލުން ކުފުރުގެ ބަހެއް ބޭރުވުމުގެ ކުރިން ހުއްޓުވަން އެނޫން މަގެއް އޭނާއަށް ހިޔާރު ނުކުރެވުނީއެވެ.
"ޔަލްވީ ދަރިފުޅާ!" ވިސްނައިދޭ ރާގަކަށް ނިމާލު ޔަލްވީއަށް ގޮވައިލިއެވެ. "އަމިއްލަ އަށް މަރުވުމަކީ ބޮޑު ފާފައެއް. އެހެން ހިތަށް އަރުވައިގެންވެސް ނުވާނެ. މީގެ ފަހުން އެކަހަކަ ވާހަކައެއް ނުދައްކާތި!"
ޔަލްވީ ގިސްލާފައި ރޯން ފެށިއެވެ. ނަފީސާއެކޭ އެއްވަރަށް ނިމާލުވެސް ހުރީ ހިތުގައިޖެހިފައެވެ. ދަރިފުޅު ގެނެސް މެޔާލައި ބޮނޑިކޮށްލަން ބޭނުންވިއެވެ. ހަގީގަތަކީ، ދިމާވި ހުރިހާ ކަމެއްގެ ސަބަބުން ނިމާލުގެ ސިކުނޑި ސުމަކަށް ގޮސްފައިވާކަމެވެ. ބައްޕައެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވުމުގެ އިހުސާސް ކުރެވުމުން، އެހެން ނުވާންވީ ސަބަބެއް ނެތެވެ.
"ދަރިފުޅާ! ބައްޕައަށް އެނގޭ ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު. ދެން ހުއްޓާލާ! ބައްޕަ ކަންތައްކުރާނީ ދަރިފުޅު އެދުނުގޮތަށް. ވެދިޔަކަމެއް ވެ ނިމުނީ. ދެން ކުރެވޭނެ އިތުރުކަމެއް ނޯންނާނެ" ޔަލްވީ ގެނެސް މޭގައި ޖައްސާލައިގެން އިނދެ، ނިމާލު ނަސޭހަތް ދިނެވެ.
ލިމްޔާއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ރަޔާންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލުމަކީ ނިމާލަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އާރާއި ބާރަކީ ވަކި ބަޔަކަށް އޮންނަ އެއްޗެކެވެ. ރަޔާންފަދަ އާދައިގެ މީހަކު ޖެހޭނީ މަގުން އެއްފަރާތްވެލާށެވެ. އެކަކު ރަޔާންގެ ވާހަކަ ގަބޫލުނުކުރިޔަސް، ލިމްޔާ ކުރާނެއެވެ. އޭނާ ރަޔާންއަށް އިތުބާރުކުރަނީ ލޯބީގައި ދީވާނާ ވެފައިވާ މީހަކު ފަދައިންނެވެ. މަންމަގެ އެދުން ފުރިހަމަކުރުމެއްނެތި، ލިމްޔާ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ރުއިމުގެ ސަބަބުން ލިމްޔާގެ ދެލޯ އެކީ ރަތްވެފައިވާއިރު، މޫނުމަތިވެސް ހުރީ ދުޅަވެފައެވެ. މުއްސަނދިންނަކީ އެހެން މީހުންގެ ދިރިއުޅުން ބަރުބާދުކުރަން ތިބޭ ބައެކެވެ. އެއީ ލިމްޔާ ވިސްނިގޮތެވެ.
********
ރަޔާންގެ ކުށެއް ނެތްކަން ސާބިތުވުމާއިއެކު، ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލެވުނެވެ. އެހެނަސް، ރަޔާނަށް ހަމަޖެހުމެއް ނުލިބުނެވެ. ރަޒީނާގެ ކަންފަތަށް އެ ހަބަރު ދިޔުމުން ވާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ކަންބޮޑުވެފައި ހުންނާނެކަން އެނގޭތީ ރަޔާން ގެއަށް ދިޔުމަށް އަވަސްވެގަތެވެ.
ރަޔާން ގޯތިތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ހުއްޓެން މަޖުބޫރުވިއެވެ. ފައިދަށުގައި އޮތް އިލޮށިފަތި ފެނުމުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ރަޒީނާ އަކީ ކޮންމެ އެއްޗެއް ތަރުތީބުން ގެންގުޅޭ މީހެކެވެ. ހިތުގައި އުފެދުނު ސުވާލުތަކާއިއެކު މަންމައަށް ގޮވަމުން ރަޔާން ގޮސް ގޭތެރެއަށް ވަނެއެވެ. ރަޒީނާގެ ހަބަރެއް ނެތެވެ. އެގަޑީގައި މަންމަ ދާނެ ތަނަކާއިމެދު ވިސްނަމުން ރަޔާން ވަނީ ފެންވަރާށެވެ.
ފެންމާގަނޑު ދޫކޮށްލައިގެން ރަޔާން އެތައް އިރަކު ހުއްޓެވެ. ޔަލްވީގެ ރީތި ސޫރަ ހިތަށް ސިފަވުމާއިއެކު ހިނިތުންވެލެވުނެވެ. ނަމަވެސް އިސާހިތަކު އެހިނިތުންވުން ފިލައިގެންދިޔައެވެ. ހުރިހާ ކަމަކާއި ވިސްނަންވުމުން، ޔަލްވީގެ ހާލު ބަލަންވެސް ރަޔާންގެ ހަނދާނުގައި ނެތެވެ.
********
ރަޔާން ހޮސްޕިޓަލަށް ދިޔައިރުވެސް ޔަލްވީ ދޫކޮށްނުލައެވެ. ކަންދިމާކުރިގޮތުން ޔަލްވީ ފިޔަވައި އިތުރު މީހަކު އެ ވޯޑުގައި އެޑްމިޓްކޮށްފައެއް ނެތެވެ. ޔަލްވީ ދައްކާފައިވާ ވާހަކައެއްގެ ކުޑަވެސް ހިލަމެއް ނުވާ ހާލު، ރަޔާން ހުރީ ހަމަޖެހިފައެވެ. ރަޔާން ހީކުރީ އޭނާ ސަލާމަތްވީ، ޔަލްވީ ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ކަމަށެވެ.
"ހަބަރުދާރު. އެއްމެ ފިޔަވަޅެއް ވެސް ކުރިޔަށް އަޅައިގެން ނުވާނެ!" މުޅި ތަނުގައި ގުގުމައިލީ ނިމާލުގެ ބަރު އަޑެވެ.
ރަޔާންގެ ދެފައިގައި ހީވީ ކަސްތޮޅު އެޅުނު ހެންނެވެ. އަތުގައި އޮތް މޭވާ ކޮތަޅު އަތުން ދޫނުވީ ކިރިޔާއެވެ. ރަޔާން ދެލޯ ބޮޑުކޮށްލަމުން، ޔަލްވީއަށާއި ނަފީސާއަށް ބަލައިލިއެވެ.
ރަޔާން ބަލައިލުމުން ޔަލްވީ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ރަޔާންއަށް މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ލިބިފައޭ ޔަލްވީގެ ހިތަށް އެރިއެވެ. ރަޔާން ކުރިން އެކަން ވިސްނިނަމަ، އެހެން ނުވީހެވެ. ޔަލްވީގެ އިންޒާރަށް ރަޔާން ދިނީ ބީރު ކަންފަތެކެވެ. ޔަލްވީގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. ރަޔާން އާއިމެދު ކުޑަވެސް ރަހުމެއް، ހަމްދަރުދީއެއް ޔަލްވީގެ ހިތުގައި ނެތެވެ. ރަޔާންއަށް ވަރުގަދަ ފިލާވަޅެއް ދިނުމަށް ވީ ވައުދުގައި މިއަދު ކުލަ ޖެހޭނެއެވެ. ނިމާލުގެ އަތްދަށުން ރަޔާންއަށް ފަސޭހައިން މިނިވަނެއް ނުވެވޭނެއެވެ.
"ކީކޭ ހިތަށް އަރައިގެން އަހަރެން ދަރިފުޅަށް އެހާލު ޖެއްސީ؟ އޭނ؟" ނިމާލު އެދިޔަ ބާރުމިނުގައި ގޮސް ރަޔާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިއެވެ.
"ކީކޭތޯ؟..." ރަޔާން ހުރީ ވާނުވާ ނޭނގިފައެވެ. އޭނާ ހާސްވެފައި އެއްފަހަރު ޔަލްވީއަށް އަނެއްފަހަރު ނިމާލަށް ބަލައިލިއެވެ.
"ފުލުހުންނާ ހިސާބަށް މައްސަލަ ނުގެންދިޔައީމަ ހީނުކުރާތި ކަލޭކުރި ކަންތައް އަހަރެމެން ފަސްލާ ފޮރުވަނީއޭ. އެހެން ހީކޮށްފިއްޔާ އެއީ ކުށްހީއެއް" ރަޔާންގެ ގިރުވާނަށް ވާންކޮށްލަމުން ނިމާލު ބުނެލިއެވެ.
"އަޅުގަނޑު ކޮން ކަމެއް ކުރީތޯ؟..." ރަޔާން އަހައިލީ މަޑުމައިތިރި ރާގަކަށެވެ.
"ހާދަ ގޮތެއް ނެތޭ.." ނަފީސާ ދިޔަގޮތަށް ރަޔާންގެ ކޯތާފަތްމަތީގައި ޖެހިއެވެ. "އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން އެބަހުއްޓެއްނު"
"ޔަލްވީއާ ދޭތެރޭ ވިސްނާފަ، އަހަރެން ފުލުހުންނާ ހަމައަށ މި މައްސަލަ ނުގެންދިޔައީ. ކަލޭ ހީނުކުރާތި، އަހަރެންގެ ދަރިފުޅުގެ އަބުރާއި އިއްޒަތް ނަގާލާފައި ތިހެން އުޅެވިދާނެ ކަމަށް. އެކަމުގެ ހައްގު އަދަބު ކަލެޔަށް ދޭނީ އަހަރެން. އެނގިއްޖެތަ މިކިޔާ އެއްޗެއް؟ އޭނ؟" ނިމާލު ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.
އިވުނު ވާހަކަތަކެއްގެ ސަބަބުން، ރަޔާންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލިއެވެ. ޔަލްވީ އެވަރުގެ ދޮގެއް ހެދީ ކީއްވެ ހެއްޔެވެ؟ ރަޔާންގެ އަތުގައި އޮތް ކޮތަޅު ދޫވެ، އޭގެ ތެރޭގައި ހުރި އޮރެންޖުތަކާއި އާފަލުތަށް އެކި ތަންތަނަށް ބުރައިގެން ދިޔައެވެ.
ޔަލްވީ ރަޔާންއަށް ބަލައިލިއެވެ. ޔަލްވީ ހީކުރިގޮތާއި ހިލާފަށް ރަޔާން ހުރީ ހިމޭނުންނެވެ. ދިފާއުގައި އެއްޗެއް ނުބުނިތަނުގައި، ނިމާލުގެ އަތްދަށުން މިނިވަންވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ޔަލްވީ ހައިރާންވިއެވެ. ރަޔާން ބޭނުންނަމަ، އެކަމުން ސަލާމަތްވެވޭނެ އެތައް ގޮތެއް އޮންނާނެއެވެ. ޑޮކްޓަރަށް ދައްކައިގެން ޓެސްޓުތައް ހެދުމަށްވެސް އެދެވުނީހެވެ.
"އަނގައިން ނުބުނެ ތިހުންނަނީ މާ މާތް މީހަކަށް ވާންތަ؟ ނޫނީ ކުރެވުނު ކުށަށް އިއުތިރާފް ވީތަ؟" ރަޔާންގެ ގިރުވާނުން ދޫކޮށްލަމުން ނިމާލު ސުވާލުކުރިއެވެ.
"މާފުކުރައްވާ!..." ރަޔާން އިސްޖަހާލައިގެން ހުރެ މާފަށް އެދުނެވެ.
ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. ކުށެއް ކުރިކަމަށް ރަޔާން އެއްބަސްވީ ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ މާފަށް އެދުމަކީ ރަޔާންއަށް ކުރަން އެހާ ފަސޭހަ ކަމެއް ހެއްޔެވެ؟
"ކަލެއަށް އޮތް އަދަބަކީ ޔަލްވީ އާއި ކައިވެނި ކުރުން" ނިމާލު ފަހުބަސް އިއްވިއެވެ.
(ނުނިމޭ)