"ޔަލްވީ ކިހިނެއް އަހަރެމެންނާ ވަކިން އުޅޭނީ؟ އެ ރަޔާންގެ ފެންވަރެއްވެސް އަހަރެމެންނަކަށް އެނގެނީކީ ނޫން. ޔަލްވީއަކީ ނުލާހިކު އަރާމާ އުފަލުގަ އުޅެބޮޑުވި ކުއްޖެއް. ކުއްލިއަކަށް ތިކަހަލަ ނިންމުމެއް ނިންމީމަ ޔަލްވީއަށް ކިހިނެއް ވާނީ؟" ރަޔާން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނަފީސާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.

********

ނިމާލުގެ ވިސްނުން ބަދަލުނުވާނެކަން އެނގޭއިރުވެސް އެވިސްނުން ބަދަލުކުރެވޭތޯ ނަފީސާ މަސައްކަތްކުރިއެވެ. ނަފިސާ ހީކުރީ ކައިވެންޏަށްފަހު، ޔަލްވީގެ ދެމަފިރިން ދިރިއުޅޭނީ ނަފީސާމެންނާއިއެކު މާލޭގައި ކަމަށެވެ. އެކަމަކު، އެއީވެސް ކުށްހީއެކެވެ. ނިމާލު ނިންމައިގެން ހުރީ ނަފީސާއާއި ޔަލްވީ ވަކިކޮށްލާށެވެ. މާދުރަށް ފޮނުވައިލާށެވެ. ހުރި ހަމައެކަނި ދަރިފުޅާއިމެދު އެފަދައިން ކަންތައް ކުރަން ނިމާލުގެ ހިތަށް އެރުވީވެސް ކިހިނެއް ހެއްޔެވެ؟

"އަމިއްލަ ދިރިއުޅުމެއް އުޅެން ދަރިންނަށް ދަސްކޮށްނުދެވުނީމަ ވާ ގޮތްގޮތް މީ" ނިމާލު ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތިބުނީ ކުށްވެރިންނަކީ އަހަރެމެންނޭތަ؟..." ނަފީސާ ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ.

"އާނ ނަފީސާ.. މި ހަގީގަތް ގަބޫލުކުރަން ލަސްވެސްވެއްޖެ.. ހަގީގަތުގަ މިއަދު ފެއިލް މިވީ އަހަރެމެން" ނިމާލު އެއްބަސްވިއެވެ. "އެކަންކަން ރަނގަޅު ކުރަން އަދިވެސް ފުރުސަތު އެބައޮތް. އަހަރެމެންގެ ބާރު ފޯރާ ހިސާބުގަ ޔަލްވީ ހުރިހާ ދުވަހަކު އޭނަގެ އެއުޅުން ބަދަލެއް ނުވާނެ. އަމިއްލަ ޒިންމާ ނަގަން ދަރިންނަށް ދަސްކޮށްދޭން އެބަ ޖެހެއެއްނު. މީހަކާ އިންނަ އުމުރަށް ދިޔައިރުވެސް ޔަލްވީ އެއުޅެނީ ސާދަ ފަނަރަ އަހަރުގެ ކުޑަކުއްޖަކު އުޅޭހެން"

"ދެން އެހެނޭ ކިޔާފަ ކޮންމެ މީހެއްގެ އަތްމައްޗަށް ޔަލްވީ ދޫކޮށްލަންވީތަ؟.." ނިމާލު ދައްކާ ވާހަކަ ގަބޫލުކުރާކަށް ނަފީސާ ބޭނުމެއް ނުވިއެވެ.

"އަހަންނަކަށް ހިޔެއްނުވޭ ރަޔާންއަކީ އެހާ ގޯސް ކުއްޖެއް ހެނެއް" ނިމާލު ބުނެލިއެވެ.

"ނިމާލު!.." ނަފީސާ ހިތްހަމަނުޖެހިފައި ތަންކޮޅެއް ބާރަށް ގޮވާލިއެވެ. "ޔަލްވީގެ އިއްފަތްތެރިކަން ނަގާލީމަވެސް ތިބުނަނީ އެއީ ގޯސްމީހެއް ނޫނޭތަ؟..."

"ޒުވާން އުމުރުގަ ގޯސްކަމެއް ނުކުރެވޭ ކުއްޖަކު މަދުވާނެ. އަހަރެމެން ކުޑައިރުވެސް މައިންބަފައިން ނުރުހޭ ކިތައް ކަންތައް ކުރެވުނު؟..." މާޒީ ހަނދާންކޮށްލަމުން ނިމާލު ބުނެލިއެވެ. "ރަޔާންގެ ހަރުދަނާކަން އެބަހުރި. ކުށް ކުރެވުނީމަ، އެކުށުން ދިފާއުވެ ބޯދަމައިގަންނާކަށް މަސައްކަތެއް ނުކުރޭ! މަށަށް ޔަގީން އޭނައަށް ޔަލްވީ ގެންގުޅެވޭނެކަން. ނަފީ ނިކަން ވިސްނާލަބަލަ..."

ނިމާލު ބެލީ ނަފީސާއަށް ވިސްނައިދެވޭތޯއެވެ. ލޯބިން ބަލާ ބޮޑުކުރި ދަރިފުޅާއި ވަކިވާން ޖެހުމުން ނަފީސާ ދެރަވާނެ ވަރު ނިމާލަށް އިހުސާސްކުރެވެއެވެ.

"ތިޔަބުނާހާ ރަނގަޅު ސިފަތަކެއް އަހަންނަކަށް ނުފެނޭ. ދޮން ނިޔަނދުރެއްވެސް ކާލާއިރު ނިކަން މީރެއްނު. އެކަމަކު އެ ކައި ނިމުނީމަ ދެން އަނގައިގަ ލަނީ ހިތިރަހަ. ބޭރުފުށުން ފެންނަ ސިފައަކަށް ނޫނޭ ބަލާނީ. ބަލާބަލަ އޭނަ ކުރި ކަންތައް. އަހަރެންގެ ދަރިފުޅުގެ....." ނަފީސާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.

ނަފީސާ ގިސްލާފައި ރޯން ފެށިއެވެ. އަމިއްލަ ފިރިމީހާވެސް ނަފީސާއާއި އެއްގަލަކަށް އަރާކަށް ބޭނުމެއްނުވެއެވެ. ޔަލްވީއަކީ ނަފީސާގެވެސް ދަރިއެކެވެ. ނުވަމަހާއި ނުވަ ދުވަހު ބަނޑުގައި ބާއްވައިގެން އެދަރިފުޅު އުފަންކުރަން އެތައް ވޭނެއް އުފުލިއެވެ. ޔަލްވީގެ ކަންކަމުގައި ނިމާލެކޭ އެއްވަރަށް ނަފީސާއަށްވެސް ބަސްކިޔެން ޖެހޭނެކަމަށް އޭނާ ގަބޫލުކުރިއެވެ.

"އެއީ އަދި ޒުވާން ކުދިންނޭ.." ނަފީސާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ނިމާލު ބުނެލިއެވެ. "ޝައިތާނާގެ ބަހަށް ހެއްލި އެކަހަލަ ގޯސްމަގަކުން ކުއްޖަކަށް ދެވިދާނެކަން އަހަރެމެން ވާނެ ގަބޫލުކުރަން. އޭގެ މާނައެއް ނޫނެއްނު އޭނައަކީ އަބަދު ގޯސްކޮށް އުޅޭނެ މީހެކޭ. ތައުބާވުމުގެ ފުރުސަތު ކޮންމެ އިންސާނަކަށްވެސް ލިބިގެންވެއެއްނު. ދެން ކީއްވެ ރަނގަޅުވާން ފުރުސަތު ނުދޭންވީ؟ އަހަރެމެންމީ އިންސާނުން. އަހަރެމެން އެންމެންނަށްވެސް ކުށް ކުރެވޭނެ. އަހަރެންވެސް މިމަސައްކަތް ކުރަނީ ކޮންމެހެން ރަޔާންއަށް ދެރައެއް ދޭކަށް، ނޫނީ ލަނޑެއް ދޭކަށް ނޫނޭ. އޭނަގެ މޫނުމަތިން އަހަންނަށް އެބަފެނޭ ކުރެވުނު ކަންތަކާ އޭނަ ހިތާމަކުރާވަރު"

ނަފީސާ ނިމާލާއި ދުރަށްޖެހުނެވެ. ކަރުނަ ފޮހެލިއެވެ. ނަފީސާ ކިތަންމެ ވަރަކަށް ރުޔަސް، ހިތާމަކުރިޔަސް، ނިމާލުގެ ނިންމުން ބަދަލެއް ނުވާނެއެވެ. އެއީ އަބަދުވެސް ކަންތައް ވާގޮތެވެ.

"ނަފީ މާ ބޮޑަށޭ ކަންކަމާ ފިކުރު ބޮޑުވަނީ. އަހަންނަށް އިތުބާރުކޮށްބަލަ. މިހާތަނަށްވެސް މި އާއިލާއަށް ގެއްލުމެއް ވާގޮތަށް އަހަރެން އެއްވެސް ނިންމުމެއް ނިންމާފައެއް ނޯންނާނެ. ޔަލްވީ ދުރުގަ ހުއްޓަސް، ޔަލްވީގެ ހުރިހާ ކަމެއް އަހަރެން ވަރަށް ގާތުން ބަލާނަން. ދެރަގޮތެއް ވިޔަކަ ނުދޭނަން" ނަފީސާގެ ކަރުނަތައް ފޮހެދެމުން ނިމާލު ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

********

ސަލާން ގޮވާލި އަޑު އިވުމުން ރަޒީނާ ބޭރަށް ނުކުތެވެ. ތަށިބަރިއެއް ހިފައިގެން ލިމްޔާ ދޮރުމަތީގައި ހުއްޓެވެ. ރަޒީނާ ލިމްޔާއަށް ހިނިތުންވެލުމަށްފަހު، އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ.

"މިއަދު ގޭގަ ބަނބުކެޔޮ ބަތް ކެއްކީމަ ހިފައިގެން މިއައީ.." ތަށިބަރި ދައްކައިލަމުން ލިމްޔާ ބުނެލިއެވެ. "ރަޔާންއަށް ވަރަށް މީރު އެއްޗެއްނު. ކޮބާ ރަޔާން؟"

"ނަމާދަށް ދިޔަގޮތަށް އަދި ގެއަކަށް ނާދެ" ރަޒީނާ ޖަވާބު ދިނެވެ. "ލިމްޔާ ދޭ އެތެރެއަށް ގޮސް ތަށްޓަކަށް ބަތްކޮޅު އަޅާފަ މޭޒުމަތީ ބަހައްޓާ! ދައްތަ އެބަ އަންނަން ފިހާރަކަށް ވަދެލާފަ"

ރަޔާން އައިސް ގެއަށް ވަންއިރު، ބަނބުކެޔޮ ގަހުގައި އެލުވާފައިވާ ޖޯއްޔެއްގައި އޮށޯވެލައިގެން ލިމްޔާ އޮތެވެ. ލިމްޔާއަށް ރަޔާން ފެނުނީ ކުރިމަތީގައި ހުރި ޖޯލީގައި އިށީންނަނިކޮށެވެ.

"ވަރަށް މީރު އެއްޗެއް ހިފައިގެން މިއައީ.." ރަޔާން ފެނުމުން، ލިމްޔާ ޖޯލިން ތެދުވެގެން ގޮސް ރަޔާންގެ ކުރިމަތީގައި ހުއްޓުނެވެ. "ރެން އަންނަންދެން މީނީ. ހިނގާ ކާން"

"ލިމް ބިޒީ ނޫނިއްޔާ އިހަށް މިތާ އިށީނދެބަލަ.." ރަޔާން އެދުނެވެ.

"ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟" ރަޔާން އިންގޮތުން ލިމްޔާ ކަންބޮޑުވިއެވެ.

"ވާހަކައެއް ބުނަންވެގެން" ރަޔާން ބުނެލިއެވެ.

ލިމްޔާގެ ހިތް ތެޅިގަތެވެ. ރަޔާން ބުނަން އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟

"ލިމް ބިޒީއެއް ނޫން. އަވަހަށް ބުނޭ!" ލިމްޔާ އެދުނެވެ.

ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ލިމްޔާގެ ހިތް ތެޅިގަތެވެ. ރޭގައި ރަޔާން ދެއްކި ވާހަކަތަކާއި ބުނަންއުޅޭ ވާހަކައާއި ގުޅުމެއް ވެދާނެ ހެއްޔެވެ؟

"ވަރަށް އަވަހަށް ކައިވެނިކުރަން މިއުޅެނީ" ރަޔާން ބުނެލިއެވެ.

"އޭނ؟...." ލިމްޔާ ދިޔައީ ސިއްސައިގެންނެވެ.

"ލިމްގެ ހިޔާލެއް ބޭނުންވާތީ މިއެހީ" ޖޯލީގައި އޮށޯންނަމުން ރަޔާން ވާހަކަދެއްކިއެވެ. "މަންމަ ކައިރީ ނުބުނެ ފުރަތަމަވެސް ލިމް ކައިރީ މި ބުނީ.."

ރަޔާންގެ މޫނު މައްޗަށް އަންނަމުން ދިޔަ ބަދަލުތައް ލިމްޔާއަށް ފެންނާކަށް އޭނާ ބޭނުމެއްނުވެއެވެ. އެ ކައިވެންޏަކީ މަޖުބޫރުވެގެން ކުރާ ކައިވެންޏެއްކަން އެހެން މީހުންގެ ކުރިމަތީގައި ހާމަކުރެވޭކަށް ނެތެވެ.

ޖެހި ބުދެއްހެން ލިމްޔާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރަޔާން ކައިވެނިކުރަން އުޅެނީ ޔަލްވީއަށް ހެއްޔެވެ؟ ކައިވެނިކުރަން ރަޔާންއަށް އެމީހުން މަޖުބޫރުކުރީ ހެއްޔެވެ؟ ރަޔާން އެހެން މީހަކާއި ކައިވެނިކުރަން ލިމްޔާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ ރަޔާން އެފަދަ ސުވާލެއް ލިމްޔާއަށް ކުރީ ކީއްވެ ހެއްޔެވެ؟

"ލިމް!..." ލިމްޔާ ސިހުނީ ރަޔާން ގޮވާލި އަޑު އިވުމުންނެވެ.

ދެލޮލަށް ޖަމާވި ކަރުނަތައް ހިނދައިލަމުން، ލިމްޔާ ގަދަކަމުން ހިނިތުންވެލިއެވެ. އެއަށްފަހު ރަޔާންއަށް ބަލައިލިއެވެ.

"އެ ނަސީބުވެރިޔަކީ ކާކު؟" ކެތްތެރިކަމާއިއެކު ލިމްޔާ ސުވާލުކޮށްލިއެވެ. ރަޔާންގެ ދުލުން އެހެން އަންހެންކުއްޖެއްގެ ނަން ބުނާ އަޑު އަހާނެ ހިތްވަރެއް ލިމްޔާގެ ގަޔަކު ނެތެވެ.

"ޔަލްވީ..." ރަޔާން ބުނެލިއެވެ.

ލިމްޔާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލުމުން ކުރެވޭ ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ލޮލަށް ގިނަވެގަތް ކަރުނަތައް ފޮރުވުމަށް، އޭނާ އަނެއް ފަރާތަށް އެނބުރުނެވެ. ރަޔާން އެހެން މީހެއްގެ ހައްގަކަށް ވެގެންދާ ތަން ބަލަން ލިމްޔާގެ ހިތަށް ކުޅަދާނަ ވާނީ ކިހިނެއް ހެއްޔެވެ؟ ރަޔާންއަށްޓަކައި މުޅި އުމުރު ހުސްކުރަން ނިންމި ނަމަވެސް ލިމްޔާއަށް އެ ނަސީބު ލިބުމެއް ނެތެވެ.

ލިމްޔާގެ ޖަވާބެއް ނުލިބި ގިނައިރުވުމުން، ރަޔާން ހާސްވިއެވެ. ދެފަހަރަކު ލިމްޔާއަށް ގޮވައިލި ނަމަވެސް ޖަވާބެއް ނުލިބުނެވެ. ރަޔާން ތެދުވިއެވެ. އިސްޖަހައިގެން އިން ލިމްޔާގެ މޫނަށް ބަލައިލިއެވެ. ކަރުނައިން ތެމިފައިވާ ލިމްޔާގެ ދެ ކޯތާފަތް ފެނި ރަޔާން ކަންބޮޑުވިއެވެ.

"ލިމް! އާ ޔޫ އޯކޭ؟" ލިމްޔާގެ ކޮނޑުގައި އަތް ޖައްސާލަމުން ރަޔާން ސުވާލުކުރިއެވެ.

ލިމްޔާ ބޯޖަހާލިއެވެ. އެހެނަސް، އިސްއުފުލައެއް ނުލިއެވެ. ލިމްޔާ އެއްބަސްނުވިޔަސް، އޭނާ "އޯކޭ" ނޫންކަން ރަޔާންއަށް އެނގެއެވެ. ރަޔާންއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ލިމްޔާ ލޯބިވާކަން އެނގިހުރެ، އޭނާގެ ކައިރީގައި އެހެން މީހަކާ ކައިވެނިކުރާ ވާހަކަ ދެއްކުނީތީ ދެރަވިއެވެ. ލިމްޔާގެ އިހުސާންތެރިކަމުގެ ބަދަލުގައި އުފާވެރިކަމެއް ނުދެވުނުތަނުގައި ރަޔާންގެ ސަބަބުން ލިމްޔާގެ ހިތް ހަލާކުވެގެން ދިޔައީއެވެ. ލިމްޔާ ރަޔާންދެކެ ވަމުންދާ ސާފު ތެދުވެރި ލޯބި އެދެލޮލުން ރަޔާންއަށް ފެނެއެވެ.

"އައި އޭމް ސޮރީ.." ލިމްޔާގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލަމުން ރަޔާން ބުނެލިއެވެ. އޭރު ރަޔާންގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.

ރަޔާންގެ އެއަމަލުން ލިމްޔާ މާބޮޑަށް ހިތުގައިޖެހި ރޮވޭގޮތްވިއެވެ. ރަޔާން ގެއްލެނީއެވެ. މިއީ ރަޔާން އާއިއެކު ހޭދަކޮށްލެވޭ ފަހު ވަގުތުކޮޅުހެން ލިމްޔާއަށް ހީވިއެވެ.

"ސޮރީ..." ރަޔާން ހުއްޓާނުލާ މާފަށް އެދެމުންދިޔައެވެ. "ކޮންކަމެއް ލިމްއަށް ކޮށްދޭންވީ؟ ކިހިނެއް ހެދީމަ ލިމް ދެރަނުވާނީ؟.."

އެއްވެސް މީހަކު ރޯތަން ފެނިއްޖެނަމަ، ރަޔާންގެ ހިތް ހަލާކުވެއެވެ. ކަރުނައަކީ ރަޔާންގެ ބަލި ފަޔެވެ.

"ހިތްއެދޭ ގޮތަށް އަބަދު ހުރިހާ ކަމެއް ނުވެދާނެ. ހިތާމައަކަށްފަހު އުފާވެރިކަމެއްވެސް ލިބޭނެ. ލިމްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު" ރަޔާން ލިމްޔާއަށް ނަސޭހަތްދެމުން ދިޔައީ ނުސީދާކޮށެވެ.

ލިމްޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ރަޔާން އެތައް ވާހަކައެއް ދެއްކިއެވެ. ލިމްޔާ އެކޭ އެއްގޮތަށް ރަޔާންގެ ހިތްވެސް ވަނީ ކުދިކުދިވެފައެވެ. ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރޭގައި ހަޔާތުގެ ދުވަސްތައް ހޭދަކުރުމަކީ ރަޔާންއަށްވެސް ކުރަން ފަސޭހަކަމެއް ނޫނެވެ.

"ދަރިފުޅާ ލިމްޔާއަށް ކިހިނެއްވީ؟" ގެއަށް އައިސް ވަން ރަޒީނާ ހަލުވި ފިޔަވަޅުތަކެއްގައި ރަޔާންމެންގެ ކައިރިއަށް ދިޔައެވެ.

ރަޒީނާގެ އަޑު އިވުމުން ލިމްޔާ ތެޅިގަތެވެ. ރަޔާނާއި ދުރަށްޖެހުނެވެ. އަވަސް އަވަހަށް ކަރުނަތައް ފޮހެލުމަށްފަހު، ހިނިތުންވެލެވޭތޯ ލިމްޔާ މަސައްކަތް ކުރިއެވެ.

(ނުނިމޭ)