05 Jul 2024, 23:55
މޯލްޑިވްސް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ ކަމުގައި ހުންނެވި އިމާދު ސޯލިހު އެ މަގާމުން ވަކިކޮށްފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއާޕާސަން ލުބްނާ ޒާހިރު "ސަން"އަށް ވިދާޅުވީ، އިމާދު އެ މަގާމުން ވަކިކުރީ ބޯޑު މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
މިގޮތުން، އެ މަގާމުން އިމާދު ވަކިކުރީ ފައިނޭންޝިއަލް އޮޑިޓެއް ހެދުމަށްފަހު، އެންޑިއޭގެ މަސައްކަތްތައް ކުރެވެމުން އައި ގޮތާއި ހާސިލްކުރެވުނު މިންވަރަށް ބަލައި، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ބޭނުންވާ ދުވެލީގައި، ގިނަ މަސައްކަތް އަަވަހަށް ކުރުމަށް އެންޑީއޭ އިސްލާހުކުރުމަށް ކަމަށް ލުބްނާ ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ފަރުވާއަށް ދާން ތިބި ވަރަށް ގިނަ ކުދިންނަށް ފަރުވާއަށް ނުދެވިފައި އޮތް ބެކްލޮގް ވަރަށް ބޮޑުކަން. މިކަހަލަ ވަރަށް ބައިވަރު ކަންކަމަށް ރިއާޔަތްކުރައްވާފައި ބޯޑު މެންބަރުންގެ އިއްތިފާގުން ނިންމެވީ،" ލުބްނާ ވިދާޅުވިއެވެ.
އިތުރަށް ލުބްނާ ވިދާޅުވީ، ބޯޑު މެންބަރު އަމިއްލަފުޅަށް މަތި ކުރެއްވީ އެ ބޯޑުގެ ސީއީއޯ ކަމުގެ މަގާމަށް 90 ދުވަސް ތެރޭ ސީއީއޯއެއް އައްޔަން ކުރުމަށް ކަމަށެވެ.
ނަމަވެސް، މި ވަގުތު ވެސް އެއްވެސް ހުސްކަމެއް ނާންނާނެ ކަމަށާއި ވަގުތީ ސީއީއޯއަކަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޝިދު އެ ބޯޑުން އައްޔަންކޮށްފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ.
ރާޝިދު އެމަގާމަށް އައްޔަންކުރެއްވީ އިތުރު އެއްވެސް ފައިސާއެއް ނުދޭ ގޮތަށް ކަމަށް ލުބްނާ ވިދާޅުވެފައިވެއެވެ.
ރިހެބެލިޓޭޝަންގެ ކަންކަން ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދިއުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ކަމަށް ފާޑުކިޔުން ވެސް އަމާޒުވެއެވެ. ސަރުކާރުތަކުން މި ކަން ހައްލުކުރަން ވައުދުތައްވީ ނަމަވެސް އެ ކަމަށް އެދެވޭ ހައްލެއް އައިސްފައެއް ނުވެއެވެ.