06 Jul 2024, 09:40
އޮޓޯއިމިއުން ބައްޔެއް ކަމަށްވާ މަޔޯސައިޓިސްގެ ޝިކާރައަކަށްވެ އެ ބައްޔަށް ބޭސް ފަރުވާ ހޯދަމުން އަންނަ ސައުތު ބަތަލާ ސަމަންތާއަށް ޑޮކްޓަރުންތަކެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ސަމަންތާ އިންސްޓަގްރާމް މެދުވެރިކޮށް ލިޔެފައިވާ ދިގު ޕޯސްޓެއް މައިގަނޑު ގޮތެއްގައި ޚާއްސަކޮށްފައި ވަނީ ބޮޑު ހޭދައެއްކޮށް އޭނާ ބޭނުންކުރަމުން އައި ބޭސްތަކުގެ ބަދަލުގައި އޯލްޓަނޭޓިވް ތެރަޕީ ނަގަން ފެށުމުން ސިއްހަތަށް އައި ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. އެހެންނަމަވެސް ސަމަންތާއަށް ބޭސްކުރަމުން އައި ޑޮކްޓަރުންތަކެއް ވަނީ އޭނާ ނުރައްކާތެރި މެޑިކަލް ޕްރެކްޓިސްތައް ޕްރޮމޯޓުކުރާ ކަމަށް ބުނެ އެ ޕޯސްޓާ މެދު ނުރުހުން ފާޅުކޮށްފައެވެ.
ޑޮކްޓަރުންގެ ނުރުހުމާއި ފާޑުކިޔުންތަކަށް ރައްދު ދެމުން ސަމަންތާ ބުނެފައި ވަނީ އޭނާގެ ބައްޔަށް 'ކޮންވެންޝަނަލް' ފަރުވާއަށް ވުރެ އޯލްޓަނޭޓިވް މެޑިސިން އިޚްތިޔާރުކުރީ އޭނާ ބޭނުންކުރަމުން އައި ބޭހުގެ އަގު ބޮޑުވުމުންނާއި އެބޭހުން އޭނާ ރަނގަޅު ނުވާތީ ކަމަށެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެތެރޭ ތަފާތު އެކި ވައްތަރުގެ ބޭސްތައް ކާން ޖެހުނު ކަމަށާއި ޑޮކްޓަރުންގެ ލަފައާއި އިރުޝާދުގެ ދަށުން ވަރަށް ގިނަ ކަންކަން ކުރި ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެ ބޭސްތަކުން އެއްވެސް ކަހަލަ ކުރިއެރުމެއް ބައްޔަށް ނުލިބުމުން ދެން މަސައްކަތް ކުރީ އިތުރު އެހެން ގޮތަކަށް އެކަމަށް ފަރުވާ ހޯދުމަށް ކަމަށް ސަމަންތާ ވަނީ ބުނެފައެވެ. ސަމަންތާގެ މި ކަންބޮޑުވުމާ ގުޅިގެން އޯލްޓަނޭޓިވް ފަރުވާގެ މައުލޫމާތާއި މަޝްވަރާ ބަތަލާއަށް ދީފައި ވަނީ ރީތީގެ ރާނީގެ ތާޖު އިންޑިއާއަށް ހޯދައިދިން އަދި މިހާރު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައިވާ ބަތަލާ މަނޫޝީ ޗިލާގެ ބައްޕަ ޑރ.މިތުރާ ބާސޫ ޗިލާއެވެ.

ބަތަލާ މަނޫޝީ ޗިލާ ބައްޕަ ޑރ.މިތުރާ ބާސޫ ޗިލަ އަދި މަންމަ ޑރ.ނީލަމް ޗިލާއާ އެކު--ފޮޓޯ/ފިލްމުފެއަ
ސަމަންތާއަށް ފާޑުކީ ޑޮކްޓަރުންނަށް ރައްދު ދެމުން ބަތަލާ ބުނެފައި ވަނީ އޭނާއާ ބައެއް ޑޮކްޓަރުން މުޚާތަބުކޮށްފައި ވަނީ ވަރަށް ހުތުރުބަހުން ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. ސަމަންތާ އެއްވެސް އިރަކު އެއްވެސް ބޭހެއް އިޝްތިހާރު ނުކުރާ ކަމަށާއި އެހެންނަމަވެސް ބަތަލާގެ ބަލީގެ ޝިކާރައަށްވެފައިވާ މީހުންގެ ތެރެއިން ވެސް އަގުބޮޑު ބޭސްތަކުން އެއްވެސް ކުރިއެރުމެއް ބައްޔަށް ނުހޯދޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެ ވާހަކަ ދެއްކުމަކީ ގޯސްކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފިލްމީ މަސައްކަތާ ދުރުގައި އުޅުނު ނަމަވެސް ބަތަލާގެ ސަޕޯޓަރުންނަށް ޚާއްސަކޮށްގެން ސަމަންތާ ވަނީ އަމިއްލަ ޕޮޑްކާސްޓް ޝޯއެއް ފަށާފައެވެ. މި ޝޯ ބަތަލާ ހާއްސަކޮށްފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކުރެވިދާނެ މުހިއްމު މައުޟޫއުތަކަށް ބަހުސްކުރުމަށެވެ.