ދުނިޔޭގެ އެ ތަންމިތަނުގައި ހެކަރުން މެދުވެރިވެގެން ކުރަމުންދާ ކްރިޕްޓޯ ކަރަންސީގެ ވައްކަންތައް މިދިޔައަހަރާ އަޅާބަލާއިރު، މިއަހަރު ދެގުނަ އިތުރުވެއްޖެއެވެ.

ތަޙްޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2024ވަނަ އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހާ ހަމައަށް ވަގަށް ނެގި ފައިސާގެ ޖުމްލަ އަދަދު 1.38 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ވަގަށް ނެގި 657 މިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ބިޓްކޮއިން، އީތެރިއަމް އަދި ސޮލާނާ ފަދަ ކްރިޕްޓޯ ކަރަންސީތަކުގެ އަގު މަތިވުމާ ގުޅިގެން ކްރިޕްޓޯ ޚިދުމަތްތަކަށް ސައިބަރ ހަމަލާތައް އަމާޒުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ތަޙްޤީޤުކުރާ ފަރާތްތަކުން ބުނެއެވެ.

2024 ވަނަ އަހަރުގެ މާރިޗު މަހު ބިޓްކޮއިންގެ އަގު 73,803.25 ޑޮލަރަށް އަރައި، މިހާތަނަށް ބިޓްކޮއިންގެ އަގުއެރި އެންމެ މަތީ އަގަށް މިއަހަރުވަނީ ގޮސްފައިވެއެވެ.

2024 ވަނަ އަހަރު ހިނގި އެންމެ ބޮޑު އެއް ވައްކަމަކީ ޖަޕާނުގެ ޑީއެމްއެމް ބިޓްކޮއިން އެކްސްޗޭންޖުން 308 މިލިއަން ޑޮލަރު ވަގަށް ނެގި ހާދިސާއެވެ.

2022 ވަނަ އަހަރު ވަގަށް ނެގުނު ކްރިޕްޓޯ ކަރަންސީގެ ޖުމްލަ އަދަދަކީ 900 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި އެކްސީ އިންފިނިޓީ ގޭމާ ގުޅުންހުރި 600 މިލިއަން ޑޮލަރުގެ ވައްކަން ހިމެނެއެވެ.

އެމެރިކާއިން ބައެއް ބޮޑެތި ކްރިޕްޓޯ ވައްކަންތައް ގުޅުވާފައިވަނީ އުތުރު ކޮރެއާގެ ހެކަރުންނާއެވެ. އަދި އދ. އިން ބުނެފައިވަނީ އުތުރު ކޮރެއާއިން ސައިބާ ހަމަލާތައް ބޭނުންކުރަނީ އެ ޤައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަށް ފަންޑު ހޯދުމަށް ކަމަށެވެ. ނަމަވެސް އުތުރު ކޮރެއާއިން މިކަން ދޮގުކޮށްފައިވެއެވެ.