06 Jul 2024, 14:08
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ކެނެޑާ ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ކެނެޑާ ޖާގަހޯދީ މިއަދު ހެނދުނު ޓެކްސަސްގެ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު ކްއާޓާ ފައިނަލް މެޗުގައި ވެނެޒުއޭލާ އާ ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ތިން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވެނެޒުއޭލާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ އަށެވެ. އަދި ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގިނައީ ކެނެޑާގެއެވެ.
މި މެޗު ކެނެޑާއިން ފެށި ވަރަށް ފޯރިއާއެކުއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 13 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާ ވެނެޒުއޭލާއަށް ސިހުން ގެނައުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭކޮބް ޝަފެލްބާގުއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގެ ދެވަނަ ހާފުގައިވެސް ފެނިގެންދިޔައީ ދެ ޓީމުން މެޗުން މޮޅުވުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ.
މި ހާފުގައި ވެނެޒުއޭލާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 64 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ކެނެޑާގެ ކީޕާރު ކުރިއަށް އަރާ ހުރިކަން ފާހަގަވެ އެ ހާފުގެ މެދަކާ ހިސާބުގައި ހުރެ މި ލަނޑު ވެނެޒުއޭލާއަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ސަލޮމޮން ރޮންޑޮންއެވެ.
ފުރިހަމަ ވަގުތުގައި ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓި ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޓީމުން އެންމެ ފުރަތަމަ ޖެހި ދެ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ދެ ޓީމުގެ ވެސް ޖެހި ދެވަނަ ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ތިން ވަނަ ޕެނަލްޓީ ދެ ޓީމަށް ކާމިޔާބު ކުރެވުނު އިރު ހަތަރު ވަނަ ޕެނަލްޓީ ދެ ޓީމަށް ވެސް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. ފަސް ވަނަ ޕެނަލްޓީ ދެ ޓީމުން ކާމިޔާބު ކޮށް ތިން ލަނޑު ތިން ލަނޑުން އެއްވަރު ވެފައިވަނިކޮށް ވެނެޒުއޭލާގެ ވިލްކާ އަންޖެލް ޖެހި ޕެނަލްޓީ ވަނީ ކެނެޑާގެ ކީޕާ މެކްސީމް ކްރެޕާއު ދިފާއު ކޮށްފައެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ ކެނެޑާގެ އިސްމާއީލް ކޯނޭ އެ ޓީމުގެ ހަވަނަ ޕެނަލްޓީ ކާމިޔާބުކޮށްދީ ސެމީފައިނަލަށް ކެނެޑާ ގެންގޮސްދިނުމެވެ.
މި ކާމިޔާބީއާއެކު މި އަންނަ އަންގާރަ ދުވަހު ހެނދުނު ނިއުޖާޒީގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗުގައި ކެނެޑާ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއެވެ. މި ދެ ޓީމުވަނީ ގްރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފައެވެ. މުބާރާތުގެ ފުރަތަމަ މެޗު އާޖެންޓީނާއިން ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗަށްފަހު ކެނެޑާގެ ކޯޗު ޖެސީ މާޝް ހާމަކުރިގޮތުގައި ސެމީފައިނަލްގައި އޭނާގެ ޓީމު ނިކުންނާނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށެވެ. އަދި އެ މެޗުގައި ކެނެޑާއަށް ޖެހޭނީ އެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ކަމަށާއި ނަމަވެސް އެވަރުން ވެސް ނަތީޖާއެއް ނެރެވޭގޮތް ނުވެދާނެކަމަށް ވެސް އޭނާ ހާމަކުރިއެވެ.
ނަމަވެސް އެންމެ ފަހުން އެކުއެޑޯ އާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނުނު ކުޅުމާއެކު ކެނެޑާއަށް ފުރުސަތު އޮތް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އެންމެ ބޮޑު އެއް ސަބަބަކީ އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ މުޅިން ފިޓްކަމަށް ބަގޫލް ނުކުރެވުމެވެ.
ވެނެޒުއޭލާގެ ކޯޗު ފެނާންޑޯ ބަޓިސްޓާ ހާމަކުރިގޮތުގައި މި މުބާރާތުގެ މިހާ ހިސާބުން ވަކިވާން ޖެހުމުން މުޅި ޓީމަށް ލިބުނު ހިތްދަތިކަން ހިތްވަރަށް ބަދަލުކޮށް ބޭނުންވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާން ކަމަށެވެ. ފުރިހަމަ ވަގުތުގައި އެއްވެސް މެޗަކުން ބަލިނުވެ ޕެނަލްޓީ ޖަހައިގެން ބަލިވާން ޖެހުމުން ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިން މި މުބާރާތުގައި ދެއްކި ކުޅުމާމެދު އޭނާ ފަހުރުވެރި ވާކަމަށް ކޯޗު ބުންޏެވެ.
ވެނެޒުއޭލާއަކީ ދެކުނު އެމެރިކާ ސަރަހައްދުގައި ހިމެނޭ 10 ޓީމުގެ ތެރެއިން ވޯލްޑް ކަޕުން މިހާތަނަށް ޖާގަހޯދިފައިނުވާ ހަމައެކަނި ޓީމެވެ. ވެނެޒުއޭލާ މި ވަގުތު އުޅެނީ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުގެ ހަތަރު ވަނައިގައެވެ.