06 Jul 2024, 17:38
ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރު ބުރުން އަލްކަރާޒް ޖާގަހޯދީ ތިންވަނަ ބުރުގައި ނަވާވީސް ވަނައަށް މިމުބާރާތުގައި ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯއާއި ބައްދަލުކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މެޗު ވެގެންދިޔައީ އަލްކަރާޒްއަށް ވަރަށް އުނދަގޫވި މެޗަކަށެވެ. މިގޮތުން މެޗުގެ ފުރަތަމަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ ވެސް ޓިއަފޯއެވެ.
ނަމަވެސް އަލްކަރާޒްއިންވަނީ ޖެހިގެން އައި ދެވަނަ ސެޓު ހައެއް ދެއަކުން ކާމިޔާބު ކޮށް ހަމަހަމަ ކޮށްފައެވެ. މި މެޗުގެ ތިންވަނަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބުކޮށް ޓިއަފޯ ދެސެޓު އެއް ސެޓުގެ ލީޑެއް ނެގިއިރު ހަތަރުވަނަ ސެޓުވެސް އޭނާވަނީ ޓައި ބްރޭކަކަށް ގެންގޮސްފައެވެ.
ނަމަވެސް ޓައި ބްރޭކްގައި އަލްކަރާޒްވަނީ ހަތެއް ދެއަކުން ކުރި ހޯދާ ފަސް ވަނަ ސެޓަކަށް މި މެޗު ގެންގޮސްފައެވެ. އަދި ފަސްވަނަ ސެޓު އަލްކަރާޒް ވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ.
މި ކާމިޔާބީއާއެކު ޖެހިޖެހިގެން ގްރޭން ސްލޭމް ދެ މުބާރާތް ކާމިޔާބު ކުރުމަށް އަލްކަރާޒް ކުރަމުންދާ އުންމީދު އަދި އޮތީ ކުރިއަށެވެ. އަލްކަރާޒްވަނީ މިދިޔަ މަހު ނިމުނު ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ މިހާތަނަށް ހޯދިފައިވާ އަނެއް ތިން ކުޅުންތެރިންނަނީ މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ދިހަ ވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަދި ބާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސިނާ ޖާގަހޯދީ ތިންވަނަ ބުރުގައި ސާބިއާގެ މިއޮމީރު ކެޗްމަނޯވިޗް އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސިދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އެއީ ހައެއް އެކެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ. ޑިމިޓްރޯވް ހަތަރު ބުރުން ޖާގަހޯދީ ފަރަންސޭސިވިލާތުގެ ގައެލް މޮންފީސް އާއި ބައްދަލުކުރި މެޗު ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.
އަދި ޕޯލް ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ކަޒަކިސްތާންގެ އެލެގްޒެންޑާ ބުބްލިކް އާއި ބައްދަލުކުރި މެޗު ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްގެންނެވެ.