މޮސްކޯ (5 ޖުލައި 2024) : ނޭޓޯގެ ގައުމެއްކަމަށްވާ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އުރުބާން ކުއްލިގޮތަކަށް ރަޝިއާ އަށް ވަޑައިގެން ރައީސް ވްލަދިމިޔަރ ޕޫޓިން އާ ބައްދަލުކުރެއްވުމުން ޔުކްރެއިން އާއި އެމެރިކާ އަދި ޔޫރަޕް ވަރަށް ބޮޑަށް ނުރުހި ކަންބޮޑުވެއްޖެއެވެ.

އުރުބާންގެ މި ދަތުރުފުޅާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިއާ އާ ދެކޮޅަށް އެކުލަވާލާފައިވާ ބްލޮކް ބަލިކަށިވާފަދަ އަމަލުތައް އުރުބާން ހިންގެވުމަކީ ދެރަކަމެއް ކަމުގައެވެ.

ޔުކްރެއިނުން ބުނެފައިވަނީ އުރުބާން މޮސްކޯއަށް ވަޑައިގެން ރައީސް ވްލަދިމިޔަރ ޕޫޓިން އާ ބައްދަލުކުރެއްވީ އެމެރިކާއާއި ޔޫރަޕާވެސް މަޝްވަރާ ކުރުމެއްނެތި ހަންގޭރީގެ ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުންކަމަށާއި އެކަމުގެ ސަބަބުން ރަޝިއާގެ ކުރިމަތީގައި ހުޅަނގު ބައިބައިވުމަށް މަގުފަހިވެދާނެ ކަމުގައެވެ. އުރުބާންގެ މިދަތުރުފުޅާމެދު ހިތާމަކުރާ ކަމަށް ޔުކްރެއިންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

އެމެރިކާގެ ރިޔާސީ އޮފީސް ވައިޓް ހައުސް ގެ ތަރުޖަމާނު ކެރިން ޖޭން ޕިޔެރ ވިދާޅުވިގޮތުގައި ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާއަށް ވަޑައިގެންނެވުމަކީ އެމެރިކާ ވަރަށް ކަންބޮޑުވެ ދެރަވާކަމެކެވެ.

އަދި މިއީ ރަޝިއާގެ އަނިޔާވެރިކަމަށް ހިއްވަރު ދިނުންފަދަ ކަމެއްކަމަށާ އަދި މިއީ ޔުކްރެއިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުމަށް އެމެރިކާއާއި ޔޫރަޕް ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވައިޓް ހައުސްގެ ތަރުޖަމާނުވަނީ ސިފަކުރައްވާފައެވެ.

ޕޫޓިން، ކްރެމްލިންގައި، ހަންގޭރީގެ ބޮޑުވަޒީރު އުރުބާން އާ ބައްދަލުކުރައްވަނީ

ރަޝިއާ އާ ދެކޮޅަށް އާދަޔާ ޚިލާފު ހަރުކަށި ކަމެއް ގެންގުޅުއްވާ ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ވަނީ ހަންގޭރީގެ ބޮޑުވަޒީރު އުރުބާން ކުއްލި ގޮތަކަށް ރަޝިއާއަށް ވަޑައިގެންނެވުމަކީ އޭނާއަށް ކުއްލި ސިހުން ގެނުވި ކަމެއްކަމަށް ސިފަކުރައްވައި އުރުބާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ހަންގޭރީއަކީ ނޭޓޯގެ ގައުމަކަށް ވުމުގެ އިތުރުން އެއީ ޔޫރަޕްގެ އިއްތިޙާދުގެވެސް މެންބަރު ގައުމެކެވެ. އަދި ހަންގޭރީއަކީ އެންމެފަހުން ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިންގެ ސަމިޓް ބޭއްވި ގައުމު ކަމަށްވާތީ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އުރުބާނަކީ ޔޫރަޕްގެ އިއްތިޙާދުގެ މިދައުގެ ރައީސް ވެސް މެއެވެ.

އުރުބާނާ ކްރެމްލިންގައި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ ޔުކްރެއިނަށް އޮތް ގޮތަކީ ރަޝިއާގެ ބޭނުންތަކަށް އިޖާބަ ދިނުންކަމުގައެވެ. މީގެތެރޭގައި ޔުކްރެއިން ނޭޓޯއަށް ނުވަނުމާއި ވަކިކޮޅަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮތުމާ އަދި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް އަނބުރައި ހޯދުމަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި އެއީ ރަޝިއާގެ ބިންތަކެއްކަމަށް ގަބޫލުކުރުން ހިމެނޭކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިއާ ޔުކްރެއިނުން ހިފާފައިވާ ބިންތަކަކީ ރަޝިއާ ދަރިކޮޅުގެ މީހުން އުޅޭ ސަރަހައްދުތައް ކަމުން އެއީ ޔުކްރެއިންގެ ރަޝިއާ ދަރިކޮޅުގެ މީހުންގެ ބިންތަކެއްކަމަށާ އެބިންތައް ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސީ އެތަނުގެ ވަޒަންވެރިންގެ މެދުގައި ވޯޓެއް ނަގައި އެވޯޓުން އެ މީހުން އެކަމަށް ތާއީދުކުރާކަން ކަށަވަރުކުރުމަށް ފަހުގައިކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

2022 ވަނަ އަހަރު ރަޝިއާ ޔުކްރެއިންއާ ދެކޮޅަށް ފެށި ހަނގުރާމައިގާ ރަޝިއާވަނީ ޔުކްރެއިންގެ 20 އިންސައްތަ ބިން ހިފާފައެވެ. އެއީ ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ބިންތަކެވެ.

އޭގެކުރިން 2014 ވަނަ އަހަރު ރަޝިއާ ވަނީ ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދުވެސް ހިފާފައެވެ. ކްރައިމިޔަ އަކީ ކުރިން ރަޝިއާގެ ބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެސަރަހައްދުގެ އާބާދީގެވެސް 85 އިންސައްތަ އަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ.

ޕޫޓިން އާ ބައްދަލުކުރެއްވުމަށްފަހު އުރުބާން ވިދާޅުވީ ޔުކްރެއިންގެ މައްސަލައަކީ ހަނގުރާމަ ކޮށްގެން ހައްލުކުރެވޭނެ މައްސަލައެއްނޫންކަމަށާ ހަނގުރާމަ ހުއްޓާލާނެ ސުލްހައިގެ ޕްލޭނެއް ބޭނުންވާ ކަމުގައެވެ. އަދި ޔުކްރެއިންގެ މައްސަލާގައި ރަޝިއާއާއި ހަންގޭރީގެ ޚިޔާލު ތަފާތުކަމަށްވެސް އުރުބާން ވިދާޅުވިއެވެ.

އުރުބާނަކީ ޔޫރަޕްގެ އިއްތިޙާދުން މިދައުރުގެ ރައީސެވެ. އޭނާއަކީ ޔޫރަޕްގެ އިއްތިހާދުން ޔުކްރެއިން އަށް ދޭ އާދަޔާ ޚިލާފު ބޮޑެތި އެހީތަކާ ދެކޮޅު ބޭފުޅެކެވެ. ދާދިފަހުން އުރުބާން ވަނީ ޔޫރަޕްގެ އިއްތިޙާދުން ޔުކްރެއިން އަށް 50 ބިލިޔަން ޔޫރޯގެ ހިލޭ އެހީދޭން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް ތެދުވެ ވީޓޯގެ ބޭނުންކޮށްގެން އެއެހީ ހުއްޓުވާފައެވެ. މިމައްސަލާގައިވެސް ޔުކްރެއިނުންވަނީ އުރުބާނަށް ފާޑުކިޔާފައެވެ.

އުރުބާނަކީ ނޭޓޯއިން ޔުކްރެއިންއަށް ދޭ އަސްކަރީ އެހީތަކަށް ވެސް ރިޒަވޭޝަންތައް ގެންގުޅުއްވާ ބޭފުޅެކެވެ. މީގެއިތުރުން އުރުބާނަކީ ޔުކްރެއިންގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕް ގެންގުޅޭ ބައެއް ސިޔާސަތުތަކާ ވެސް ދެކޮޅު ބޭފުޅެކެވެ.

މީގެތެރޭގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށްދިނުމާ އަދި އެ ބަރުހަތިޔާރުން ރަޝިއާގެ އެތެރެއަށް ސީދާގޮތެއްގައި ހަމަލާދީ މަސްރަހު ހޫނުކުރުމަށް އެމެރިކާއާއި ޔޫރަޕުން ގެންގުޅޭ ހަރުކަށި ސިޔާސަތު ހިމެނެއެވެ.