06 Jul 2024, 18:54
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުން ކުރަމުންދާ އެޕަލް އައިޑީތަކަށް އަމާޒުކޮށްގެން ދެވޭ އައު ސައިބާ ހަމަލާއަކުން 1.46 ބިލިއަން އައިފޯން ޔޫޒަރުންނަށް އަސަރުކުރަމުންދާކަމަށް ސެކިއުރިޓީ ކުންފުނި ސިމެންޓެކްއިން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާގައި އެސްއެމްއެސް ފިޝިން ކެމްޕޭނެއް ބޭނުންކޮށްގެން އައިކްލައުޑާ ގުޅޭ "މުހިންމު އެދުމެއް" ގެ ނަމުގައި އެޕަލްގެ ފަރާތުން އަންނަ މެސެޖެއްގެ ގޮތުގައި ދައްކުވައިދެއެވެ.
ސިމެންޓެކްއިން ދީފައިވާ މައުލޫމާތުގައި، ބުނެފައިވަނީ މި މެސެޖުތަކުގައި ހިމެނޭ ލިންކުތަކުން ގެންދަނީ އެޕަލް އައިޑީ މައުލޫމާތު ހޯދުމަށް ހަދާފައިވާ ދޮގު ވެބްސައިޓްތަކަށް ވައްދަމުން ކަމަށެވެ. މިކަމުން ރައްކާތެރިވުމަށް އެޕަލްއިން ވަނީ ޓޫ-ފެކްޓަ އޮތެންޓިކޭޝަން ބޭނުންކުރުމަށް ލަފާދީފައެވެ.
ފިޝިން މެސެޖުތައް ފަރުމާކޮށްފައި ހުންނަނީ ޙަޤީޤީ މެސެޖެއްހެން ހީވާގޮތަށެވެ. ނަމަވެސް އޭގައި ހިމެނޭ ޔޫއާރްއެލް އެޕަލްގެ ރަސްމީ ވެބްސައިޓާ ދިމާނުވާނެއެވެ.
ހެކަރުން މަސައްކަތްކުރަނީ ޓޫ-ފެކްޓާ އޮތެންޓިކޭޝަން އަދި ސްޓޯލަން ޑިވައިސް ޕްރޮޓެކްޝަން ފަދަ ސެކިއުރިޓީ ފީޗާތައް ނިއްވާލުމަށް ޔޫޒަރުންނަށް އެންގުމަށެވެ. އެޕަލްއިން ބުނާގޮތުގައި އެފަދަ އެއްވެސް ސެކިއުރިޓީ ފީޗަރެއް ނިއްވާލުމަށް އެ ކުންފުނިން ނާންގާނެއެވެ.
މިފަދަ ސްކޭމްތައް ނެޓްފްލިކްސް އަދި އެމެޒޯން ފަދަ އެހެން މަޝްހޫރު ކުންފުނިތަކުގެ ނަމުގައިވެސް ކުރިއަށްދާކަމަށް ފެޑެރަލް ޓްރޭޑް ކޮމިޝަނުން ބުނެއެވެ. އަދި ޝައްކުވާ މެސެޖެއް ލިބިއްޖެނަމަ، ކުންފުނިތަކާ ސީދާ ގުޅުމަށް އެ ކޮމިޝަނުން ލަފާދެއެވެ.
ފިޝިން ވެބްސައިޓްތަކުގައި ކެޕްޗާ ހިމަނާފައި ހުރެދާނެކަމަށާއި، އެޕަލް ކްރެޑެންޝަލްތަކަކީ އަގުހުރި މައުލޫމާތުތަކަކަށްވާތީ، ސައިބަ ކްރިމިނަލުން އެފަދަ މައުލޫމާތު ހޯދުމަކީ އަބަދުވެސް ކުރަމުން ދާކަމެއްކަމަށް ސިމެންޓެކްއިން ބުނެއެވެ.