06 Jul 2024, 19:44
މި ފެށޭ ހިޖުރީ އައު އަހަރާއެކު، ހުރިހާ ރައްޔިތުން ވެސް އިސްލާމްދީން މަތިވެރިކޮށް، ދީނީ އަޅުކަންތައް އަދާކުރުމަށް ސަމާލުކަންދިނުމަށް އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބާތުގައި ސިޔާމް ފޮނުވި ޚިޠާބުގައި ވަނީ ހިޖުރައިން 1446 ވަނަ އަހަރު ފެށޭ މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، ހުރިހާ މުސްލިމުންނަށް އަރިސްކުރައްވައިފައެވެ.
މިގޮތުން އެ މަނިކުފާނު ވަނީ މި ފެށޭ އައު އަހަރާއެކު ހުރިހާ ރައްޔިތުން ވެސް އިސްލާމްދީން މަތިވެރިކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
"ދީނީ އަޅުކަންތައް ކުރުމަށް ސަމާލުކަންދީ، ޚާއްސްކޮށް ފަރުޟު ނަމާދުތަކަށް ރައްްކާތެރިވެ، ކީރިތި ޤުރުއާން ކިޔަވައި، ޒަކާތްދީ، ޞަދަޤާތްކޮށް އުޅުމަށް، ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަޞިއްޔަތް ކުރަމެވެ،" އެ މަނިކުފާނުގެ ޚިޠާބުގައިވެއެވެ.
މީގެއިތުރުން އެމަނިކުފާނުގެ ޙިޠާބުގައި ވިދާޅުވީ ހިޖުރީ އައު އަހަރެއް މި ފާހަގަކުރަނީ، ޙިޖުރައިގެ މަތިވެރި ދަތުރުން ޢިބުރަތްތައް ހާސިލުކުރަމުން ކަމަށެވެ.
އެގޮތުން، ބިރުވެރި، ނުރައްކާތެރި ދަތުރަކަށް ފަހު ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވި ކުރެއްވުމަކީ، ސަބަބުތަކުގައި ހިފައި ކޮންމެ ކަމެއް ވެސް މާތް ﷲ އަށް ވަކީލުކުރުމުގެ މުހިއްމުކަން ދަސްކޮށްދޭ މުހިއްމު ފިލާވަޅެއްކަމަށް ސިޔާމް ވިދާޅުވިއެވެ.
ހަމަމިއާއެކު، އެމަނިކުފާނު ވިދާޅުވީ މިއަދު މުސްލިމުންގެ އަދަދު ކިތަންމެ ގިނަ ނަމަވެސް މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނަ ކަމަށެވެ.
ސިޔާމް ވިދާޅުވީ ދީނުގެ ޢަދުއްވުން އަޑީގައިތިބެ، އިސްލާމްދީނުގެ އުސޫލުތައް މުގުރާލައި، ފިޠުރަތުގެ ގާނޫނާއި ޚިލާފު، ހަރާމް ކަންތައްތައް ޙަލާލު ކުރުމުގެ އޮއިވަރެއް ފެތުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި މީގެއިތުރުން ލާދީނީ ފިކުރުތައް ފަތުރައި، ދީނީ ޢިލްމުވެރިންނަށް ބަދުބަސްބުނެ، ޢިލްމުވެރިންނަށް އަނިޔާކޮށް، ހަރުކަށިކަމުގެ ޓެގު އެފަރާތްތަކުގެ ބޮލުގައި އެޅުވުމަށް ބަޔަކު މިއަދު ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމަނިކުފާނު ވަނީ، މިފަދަ ނޭއްގާނީ ކަންތައްތައް ހުއްޓުވުމަށް، އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތްކުުރުމަށް ގޮވައިލައްވައިފައެވެ.
އަދި މިއަދު ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތު ފާހަގަކުރައްވައި ސިޔާމް ވަނީ، އެމީހުން ސަލާމަތްކޮށްދިނުމަށް އެދި މާތްﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާކުރުންމަތީ ދެމިތިބުމަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެެ.
އެ ޚިތާބުގައި މިފެށޭ އަހަރަކީ ނިމިދިޔަ އަހަރަށްވުރެ ހުރިހާގޮތަކުން ވެސް ފާގަތި، އުފާވެރި އަދި ނިޢުމަތުން ފުރިގެންވާ އަހަރެއްކަމުގައި ލެއްވުންއެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.