06 Jul 2024, 21:02
މިދިޔަ އަންގާރަ ދުވަހު މަޖީދިއްޔާ ސުކޫލު ސަރަހައްދުގައި ހުރި ކޭބަލްތަކެއް ހުންނަ ސްޓެލްކޯ ސަބް-ސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، ވަގަށް ނެގުމުގެ މައްސަލައިގައި މީހަކު ހައްޔަަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބް-ސްޓޭޝަނެއްގެ ކޭބަލްތައް ބުރިކޮށްގެން ވަގަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މީގެ ކުރިން ވެސް މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވެސް ވަނީ ވަގަށް ނަގައިފައެވެ.
މި ފަހުން މާލޭގެ މިސްކިތްތަކުން ވައްކަންކުރާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
މާލޭގައި ތަކުރާރުކޮށް ވައްކަންކުރާ 46 ވަގުން އުޅޭ ކަމަށާއި އެ މީހުން 4،000 ފަހަރު މަތިން ހިފެހެއްޓި ނަމަވެސް ބަންދުނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި، އެ މީހުން ބަންދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.