06 Jul 2024, 21:11
ހިޖުރީ އައު އަހަރާ އެކު, ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުންދީ، އެންމެން އެއް ރޫޙެއްގައި ގައުމުގެ ކުރިމަގަށް ޓަކައި މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މި ގޮތަށް އެދިވަޑައިގަތީ ހިޖުރީ އައު އަހަރާ ގުޅިގެން އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައިވަނީ ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަކަމާ އެކު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށެވެ.
އެ ގޮތުން ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރި އިޖުތިމާއީ މައްސަލަތައް ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދިރިއުޅެމުންދާ ކަމާއި، މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައިވާ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
އަދި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިކަން ކުޑަކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސްގެ ޚިޠާބުގައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ މުޅި ދިރިއުޅުއްވުމުން ވެސް އަޅުގަނޑުމެން ނަމޫނާ ލިބިގަންނަން ޖެހޭ އެތައް ކަމެއް ފާހަގަ ކުރައްވާފައެވެ.
މި ފެށުނު އައު އަހަރަކީ، ދިވެހިރާއްޖެއަށް ފާގަތި، އަދި ތަރައްގީގެ ރޮނގުގައި ދިވެހީން އެދޭ އުންމީދުތައް ހަގީގަތަކަށް ވާނޭ އަހަރެއް ކަމުގައި ހެދުމަށް ރެޔާދުވާލު ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހިޖުރީ އަހަރު އައިސް ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ނާމާން ހާލަތުކަން ރައީސްގެ ޚިޠާބުގައި ފާހަގަ ކުރައްވާފައިވެއެވެ.
މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ، އިސްލާމީ އުންމަތުގެ ހައްގުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުބވެސް ދެމިތިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވާފައިވަނީ ދިވެހީންގެ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ކުރާ އިޚްލާޞްތެރި މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.